ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކޮންގޯ ބައްދަލުކުރި މެޗަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. މައިގަނޑު އެއް ސަބަބަކީ މެޗުގެ ކުރިން ރޮނާލްޑޯ ރޮއްވާލާނެ ކަމަށް ކޮންގޯގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވުމުންނެވެ. 52 އަހަރު ފަހުން ކޮންގޯ ވޯލްޑް ކަޕުގައި ކުޅުނު މި މެޗު ނިމުނީ 1-1އިން އެއްވަރު ވެގެންނެވެ. ހަ ވަނަ މިނިޓްގައި ޕޯޗުގަލް ނެގި ލީޑް ކެންސަލްކޮށް އެ މީހުން މޮޅުވިޔަ ނުދިނީ ކޮންގޯގެ ފޯވަޑް ޔޯން ވިއްސަ އެވެ. އޭނާ އަކީ ކާކު ހެއްޔެވެ؟
29 އަހަރުގެ ނިއުކާސަލްގެ ފޯވަޑް ގޯލު ޖެހުމާއެކު މުޅި ސްޓޭޑިއަމުގައި އުފާފާޅު ކުރި އެވެ. ދުނިޔޭގެ އެތަން މިތަނުގައި ސޯޝަލް މީޑިއާގައި އޭނާގެ ވާހަކަ ދައްކައި ތަރުހީބު ދިނެވެ. ސުވާލަކީ މިވަރުގެ ބޮޑު ސަމާލުކަމެއް 29 އަހަރުގެ ފޯވަޑް ލިބުނ ކީއްވެ ހެއްޔެވެ؟
ފްރާންސަށް އުފަންވި ވިއްސަ އަކީ މީގެ ފަސް އަހަރު ކުރިން މަރުގެ އެތިފަހަރަކުން ސަލާމަތްވި ކުޅުންތެރިއެކެވެ. ޖުލައި 2021ގައި އޭނާގެ ގޭގެ ދޮރު ހުޅުވީ އަންހެނަކު ގޭގެ ދޮރުގައި ޓަކި ޖެހުމުންނެވެ. އެކަމަކު މިއީ މުޅި އުމުރަށް ބޮޑު ވޭނަކާ ކުރިމަތިލާން ޖެހިދާނެ ފަހަރެއް ކަމަށް ކުޑަކޮށް އޭނާ ހިޔެ ނުކުރެ އެވެ. ގޭގެ ދޮރު ހުޅުވުމުން އޭނާގެ ދަރިފުޅު ވަގަށް ނަގަން އައި މީހުން އެސިޑް ޖެހީ އޭނާގެ ލޮލާއި މޫނަށެވެ. މި އަނިޔާގައި އޭނާގެ ދެ ލޯ އެއްކޮށް ފިހި އަލުން ފެނުމުގެ ނަސީބު ނުލިބިދާނެ ކަމަށް ހީކުރެވުނެވެ.
އަލުން ލޮލުގެ ފެނުން ލިބުނީ ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނަށް ފަހު ހަ މަސް ފަހުންނެވެ. އެކަމަކު ދާއިމަށް އޭނާ ލޮލުގައި ބޭސް އަޅަން ޖެހެ އެވެ. ވިއްސަ ބުނީ އެ ހާދިސާ އަށް ފަހު އަޑުގަދަވާ ކޮންމެ ފަހަރަކު ހާސްވެ ކަންބޮޑުވާ ކަމަށާއި އެންމެ ބޮޑަށް ވިސްނެނީ އޭނާގެ ދަރިން ސަލާމަތުން ތިބި ކަމާމެދުގައި ކަމަށެވެ.
މި ހާދިސާގައި އޭނާގެ އަންހެނުން ޑިޕްރެޝަނުގެ އުނދަގޫތައް ވެސް ތަހައްމަލް ކުރި އެވެ. އޮޕަރޭޝަނަށް ފަހު އޭނާގެ ލޮލަށް ނުފެންނާތީވެ ބައްޕަ ތިޔަހުރީ ކިހިނެތް ހަދާފައިތޯ ކުޑަކުޑަ ދަރިން ސުވާލުކޮށް ހެދި ވަގުތުތަކުގައި ނިކަން ހިތްދަތިވި ކަމަކަށް ވެސް ވިއްސަ ބުންޏެވެ.
ނަމަވެސް ގަދަ ހިތްވަރާއެކު މުޅިން ބަރާބަރުވެ، ބްރެންޑް ފޯޑަށް ހަތަރު އަހަރުގެ ކޮންޓްރެކްޓްއެއްގައި އޭނާ ސޮއި ކުރީ 2021 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެ ކުލަބަށް 137 މެޗުން 45 ގޯލު ޖަހައިދިނުމުން ނިއުކާސަލްއިން އޭނާގެ ސޮއި ހޯދީ މިދިޔަ އަހަރު އެވެ. ކޮންގޯގެ ގައުމީ ޓީމަށް ވިއްސަ ވަނީ މިހާތަނަށް 40 މެޗުން 10 ގޯލު ޖަހައިދީފަ އެވެ.