ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެލްގައި އިންގްލަންޑާއި ކްރޮއޭޝިއާ ކުޅުނު މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔަ ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް އިންގްލަންޑުގެ ކޯޗު ތޯމަސް ޓުކެލް ހާމަކޮށްފިއެވެ.
ޓުކެލް ބުނީ އޭނާ އަބަދުވެސް ކުޅުންތެރިންނަށް ބޮޑަށް ބާރު އަޅަނީ ހިތްވަރާއެކު ކެރިގެން އެޓީމުގެ ކުޅުން ކުޅުމަށެވެ. އަދި ފުރަތަމަ ހާފު ނިމިގެންދިޔަ ގޮތަށް ބަލައި ދެވަނަ ހާފު އިންގްލަންޑުން ފަށައި އެ ހާފުގައި ކުޅުނު ކުޅުމާމެދު އޭނާ ވަރަށް ހިތްހަމަޖެހުނު ކަމަށެވެ. ނަމަވެސް އަދި ރަނގަޅު ކުރެވޭނެ ކަންތައްތައް ހުރިކަމަށް ވެސް ޓުކެލް ފާހަގަ ކުރިއެވެ. މިމެޗުގެ ފުރަތަމަ ހާފު ދެޓީމުން ނިންމާލާފައިވަނީ 2 ލަނޑު 2 ލަނޑުން ދެ ޓީމު އެއްވަރުވެ އޮވެއެވެ. އަދި ކްރޮއޭޝިއާއިން އެޓީމުން ދެވަނަ ފަހަރަށް އެއްވަރު ކުރި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައެވެ. ޓުކެލް ބުނީ މުބާރާތުގެ ފުރަތަަމަ މެޗު ކަމުން އެފަދަ ކަންތައްތައް ދިމާވެދާނެކަމަށެވެ. އަދި މުބާރާތް ކުރިއަށް ދާވަރަކަށް މިފަދަ ކަންތައްތައް ރަނގަޅު ވާނެކަމަށްވެސް އިންގްލަންޑްގެ ކޯޗު ފާހަގަ ކުރިއެވެ.
ޓުކެލް ވަނީ މި މެޗުގައި އިންގްލަންޑްގެ ކެޕްޓަން ހެރީ ކޭންގެ ފަރާތުން ފެނުނު ކުޅުމަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. މި ގޮތުން މި މެޗުގައި ކޭންގެ ފަރާތުން ފެނިގެންދިޔައީ ކެޕްޓަނެއްގެ ފަރާތުން ފެނިގެންދާނެ އެންމެ ފުރިހަމަ ލީޑަރ ޝިޕާއި ކޮމިޓްމަންޓް ކަމަށް އޭނާ ފާހަގަ ކުރިއެވެ. އަދި މެޗު ނިމެން ކައިރިވެފައިވަނިކޮށް ކްރޮއޭޝިއާއިން ފޮނުވާލި ހަމަލާއެއް ކޭން ދިފާއު ކުރި ކުރުމަށް އަލިއަޅުވާލިއެވެ.
މި މެޗަށްފަހު ވާހަކަ ދައްކަމުން ކޭން ބުނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖާހާފައިވާ އިންގްލަންޑްގެ ކުޅުންތެރިޔާ ކަމަށްވާ ގެރީ ލިނިކެރގެ ރިކޯޑާއި އަރާ ހަމަކުރެވުމުން އުފާކުރާކަމަށެވެ. ރޭ އޭނާ ކާމިޔާބު ކުރި 2 ލަނޑާއެކު ވޯލްޑް ކަޕްގައި އޭނާ ވަނީ 10 އަކަށް ޖަހާފައެވެ.
ކްރޮއޭޝިއާގެ ކޯޗު ޒުލަޓްކޯ ޑަލިޗް ފާހަގަކުރި ގޮތުގައި މި މެޗުވެގެން ދިޔައީ ވަރަށް އުނދަގޫ މެޗަކަށް ކަމަށެވެ. ނަމަވެސް މި މެޗުގެ ފުރަތަަމަ ހާފުގައި ކްރޮއޭޝިއާގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ. މި މެޗަށް ކުރިމަތިލީއިރު ވެސް ސެޓް ޕީސް ތަކުގައި އިންގްލަންްޑުގެ ފަރާތުން ނުރައްކަލާ ކުރިމަތިލާން ޖެހޭނެކަން އެނގޭ ކަމަށާއި އަދި އެޓީމުން ފުރަތަމަ ދެ ލަނޑުވެސް ޖަހާފައިވަނީ ކޯނަރަކަށް ފަހުކަމަށް އޭނާ ފާހަގަ ކުރިއެވެ. ނަމަވެސް ފުރަތަމަ ދެ ލަނޑުގައި އެޓީމުން ފަހަތުން އަރާ އެއްވަރު ކުރިކުރުން ރަނގަޅަށް ދިޔަ ކަމަށާއި ނަމަވެސް އިންގްލަންޑް އިން ކާމިޔާބު ކުރި ތިންވަނަ ލަނޑު ވެގެންދިޔައީ މެޗު ބަދަލު ކޮށްލި ލަނޑަކަށެވެ.
މި ގްރޫޕްގައި ދެން ކުޅޭ މެޗުތަކުގައި އަންނަ އަންގާރަ ދުވަހު އިންގްލަންޑް ނުކުންނާނީ ގާނާއާ ދެކޮޅަށެވެ. އަދި ކްރޮއޭޝިއާ ކެޅޭނީ ޕެނެމާއާ ދެކޮޅަށެވެ.