ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް އީރާނުން ކުރަމުންދާ މަސައްކަތް ފުޅާކުރުމުގެ ގޮތުން، އެމެރިކާއާއެކު ބާއްވާ މަޝްވަރާތަކުގައި އެއީ ޝަރުޠެއްގެ ގޮތުގައި ހުށަހެޅުމާމެދު ވިސްނަމުންދާ ކަމުގެ އިޝާރާތެއް ތެހްރާނުން ދީފިއެވެ. ތެހްރާނާއި ވޮޝިންގޓަނާ ދެމެދު މިހާތަނަށް ކުރެވުނު މަޝްވަރާތަކަށް ފަހު، ޖޫން 17 ގައި އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވަނީ އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިބުތިދާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ، ތެހްރާނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ނައިބު ސަޢީދު ޚަޠީބުޛާދާ ވިދާޅުވީ، ވޮޝިންގޓަނާއެކު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ތެރެއިން ހުޅަނގު އޭޝިޔާގެ ހުރިހާ މައިދާނެއްގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވައި، އެ ސަރަޙައްދުގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް ތެހްރާނުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. މި ގޮތުުން، އީރާން ހަނގުރާމައާ ސީދާ ގުޅުން އޮތުމާއެކު، ލުބްނާންގައި ޔަހޫދީން ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް އީރާނުން ވަނީ ވޮޝިންގޓަނާއެކު އެކުލަވައިލި އެއްބަސްވުމުގެ ދަށުން ހުއްޓުވާފައެވެ. ލުބްނާނަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލަން ޞަހްޔޫނީން އެއްބަސްވެފައި ވަނީ ޖޫން 19 ވަނަ ދުވަހުއެވެ. ޚަޠީބުޛާދާ ވިދާޅުވީ، ހުޅަނގު އޭޝިޔާ ސަރަޙައްދުގެ ހުރިހާ ޤައުމެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދީ، ސުލްޙަ ޤާއިމުކުރުމަށް ތެހްރާނުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ (އައިއާރްޖީސީ) ޤުދުސް ފައުޖުގެ ކޮމާންޑަރު އިސްމާޢީލް ޤާނީ ވިދާޅުވީ، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهގެ އަސްކަރީ ޤާބިލުކަމަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ޔަހޫދީ ސިފައިންނާއި ޢާންމުންގެ 100 އެއްހާ މީހުންގެ ފުރާނައަށް ނުރައްކާވި ފަދައިން، ޣައްޒާގައި ވެސް އޮތީ އެ ފަދަ "ތޫފާނެއް" ފަދަ ޙާލަތެއް ކަމުގައެވެ. އަދި، ޞަހްޔޫނީ ސަރުކާރުގެ ސިޔާސީ އިސްވާރުންގެ އަމުރުތަކަށް ބޯލަނބަމުންދާ ނަމަ، ޔަހޫދީން އެ ތޫފާނުގައި ވެސް ބެދިގެންދާނެ ކަމުގައި ވިދާޅުވެ، އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.
ތެހްރާނާއި ވޮޝިންގޓަނުން އަމަލު ކުރަމުންދާ އެއްބަސްވުމުގައި ލުބްނާނަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް މެދުކަނޑައިލުމަށް ޝަރުޠުކޮށްފައިވީ ނަމަވެސް، ޣައްޒާ ޤަތުލުޢާންމުގެ މައްސަލަ ހިމަނާފައެއް ނެތެވެ. 2023 އޮކްޓޫބަރުން ފެށިގެން ހިންގި ޤަތުލުޢާންމުގައި 80,000 އާ ގާތްކުރާ އަދަދެއްގެ މީހުން ޝަހީދުކޮށްލާފައިވާއިރު، ވޮޝިންގޓަނާއެކު ކުރިއަށް އޮތް ތަނުގައި ކުރާ މަޝްވަރާތަކުގައި ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދު ހުއްޓުވުމަށް ޝަރުޠު ކުރުމާމެދު ވިސްނަމުންދާ ކަމުގެ އިޝާރާތެއް ތެހްރާނުން މި ވަނީ ދީފައެވެ.
ޣައްޒާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބިމެއް މިހާރު ވެސް އިސްތިޢުމާރީ ސިފައިންގެ އަތްދަށުގައި އޮތްއިރު، 2025 އޮކްޓޫބަރުގައި ޙަމަލާތައް މެދުކަނޑައިލި ފަހުން ވެސް ޔަހޫދީ ސިފައިން ވަނީ އެ ސަހަރުން 1,005 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. އަދި، ލުބްނާންގައި ހިންގަމުންދާ ޢުދުވާންތައް މެދުކަނޑައިލުމަށް އެއްބަސްވި ފަހުން 50 އެއްހާ މީހުން ޝަހީދުކޮށްލާފައިވާއިރު، މި ފަދަ ޖަރީމާތަކާ ގުޅިގެން ތެހްރާން-ވޮޝިންގޓަން އެއްބަސްވުމަށް ހުރަސް އެޅެމުންދާ ކަމުގައި އެމެރިކާއިން ޤަބޫލުކުރެއެވެ.