ޚަބަރު

ކޯޓެޑިއުއަރ އަތުން ފަހަތުން އަރާ މޮޅުވުން ޖަރުމަނަށް ހައްގު: ނާގެލްސްމަން


  • މިމެޗު ޖަރުމަނުން ކާމިޔާބުކުރީ 2 ލަނޑު އެއް ލަނޑުން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ޖަރުމަނުވިލާތާއި ކޯޓެޑިއުއަރ ބައްދަލުކުރި މެޗުގައި ފަހަތުން އަރާ މޮޅުވުން ޖަރުމަނަށް ހައްގުކަމުގައި އެޓީމުގެ ކޯޗު ޖޫލިއަން ނާގެލްސްމަން ހާމަކޮށްފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނާގެލްސްމަން ބުނީ މިމެޗުން މޮޅުވުމުން އޭނާ ވަރަށް އުފާ ކުރާ ކަމަށާއި މިއީ އެޓީމު މޮޅުވުން ހައްގު މެޗެއް ކަމަށެވެ. ނާގެލްސްމަން ބުނީ މިމެޗުގެ ފެށުން ދިޔައީ އޭނާ އެންމެ ބޭނުންވި ގޮތަށް ނޫން ކަމަށާއި އަދި ޖަރުމަނަށް މެޗުގެ ތެެރެއަށް ވަދެވޭވަރުވީ 10 ވަރަކަށް މިނެޓް ފަހުން ކަމަށެވެ. ނަމަވެސް އެއަށްފަހު ޖަރުމަނުން މިމެޗުގައި ވަރަށް ރަނގަޅަށް ކުޅުނު ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ނާގެލްސްމަން ބުނީ މިމެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށް ތައުރީފް ހައްގު ކަމަށާއި މިމެޗު ޖަރުމަނަށް ކާމިޔާބު ކުރެވުނީ އެކުޅުންތެރިން ވަރަށް މަސައްކަތް ކޮށްގެންކަމަށެވެ. އަދި މިމެޗުގެ ނަތީޖާ ނެރެދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ކުޅުންތެރިން ކަންވެސް އޭނާ ފާހަގަ ކުރިއެވެ.

ނާގެލްސްމަން ހާމަކުރިގޮތުގައި ކުރަސާއޮ މެޗުގައިވެސް ބަދަލު ކުޅުންތެރިންވަނީ ލަނޑު ޖަހާ އެސިސްޓް ކޮށްފައެވެ. އަދި މިމެޗުގައިވެސް ދެވަނަ ހާފުގައި ކުޅެން އެރި ޑެނިސް އުންޑާވް ދެ ލަނޑު ޖަހައިދިން އިރު ނާޑިއަމް އަމީރީ ވަނީ އެއް އެސިސްޓް ކޮށްފައެވެ. ހަމަ އެއާއެކު ލިއޮން ގޮރެޓްޒްކާވެސް ޑިފެންސް ކުރުމުގައި މުހިންމު ދައުރެއް އަދާކުރިކަން ނާގެލްސްމަން ފާހަގަ ކުރިއެވެ.

ޖަރުމަނު ކޯޗު ބުނީ މިވަގުތު އެންމެ މުހިންމީ ދެން އޮތް މެޗާއި މެދު ވިސްނުން ކަމަށާއި މިގޮތުން އެކުއެޑޯ އާއި ކުޅޭ މެޗަށް ފުރިހަމައަށް ތައްޔާރުވެ އެމެޗުންވެސް ރަނގަޅު ނަތީޖާ އެއް ހޯދުން ވަރަށް މުހިންމެވެ. މިކާމިޔާބީ އާއެކު ޖަރުމަނުން މިވަނީ 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަށި ކާމިޔާބު ކުރިފަހުން ވޯލްޑް ކަޕް މުބާރާތެއްގެ ގްރޫޕް މަރުހަލާ ފަހަނަ އަޅާ ނޮކް އައުޓް ބުރުން ފުރަތަމަ ފަހަރަށް ޖާގަހޯދައިފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޓެޑިއުއަރގެ ކޯޗު އެމާރސް ފާއޭ ބުނީ އެންމެ ފަހު ވަގުތު މިމެޗުން ބަލިވުމުގެ ހިތްދަތިކަމާއި ހިތްހަމަ ނުޖެހުން އެބަހުރި ކަމަށެވެ. އޭނާ ބުނީ މިމެޗުގައި އެޓީމުން މޮޅަށް ކުޅެ ލީޑު ނެގުމަށްފަހު އެންމެ ފަހު ވަގުތު ދެ ލަނޑު ބައިކޮޅަށް ވަނުމުން ހިތްހަމަ ނުޖެހުން އެބަހުރިކަމަށެވެ. އަދި އެއް ލަނޑު އެއް ލަނޑުން އެއްވަރުވެފައިވަނިކޮށް ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވުމުން ހިތްދަތިކަން އިހްސާސް ކުރެވުނު ކަމަށެވެ.

އެންމެ ފަހު ވަގުތު މިމެޗުގައި ބޮޑު ބައެއް ކުޅުނީ ތަޖްރިބާ ކަމަށާއި އެޓީމަށް ލިބިގެންދިޔަ ފުރުސަތުގެ ބޭނުން ނުހިފުނު އިރު ޖަރުމަނުން އެޓީމަށް ލިބިގެންދިޔަ ފުރުސަތުގެ ބޭނުން ހިފިތަން ކަމަށެވެ.

މިމުބާރާތުގައި ޖަރުމަނުން ކުޅޭ ގްރޫޕް މަރުހަލާގެ ފަހު މެޗުގައި އެކުއެޑޯ އާއި ބައްދަލުކުރާނެ އިރު ކޯޓެޑިއުއަރ ނިކުންނާނީ ކުރަސާއޮ އާއި ދެކޮޅަށެވެ.