ޚަބަރު

ބޯހިޔާވަހިކަން އެންމެނަށް: ކްރޮސް ވެރިފިކޭޝަން ފަށައިފި


  • ގޯއްޗާއި ފުލެޓަށް އެދި ބައިލައްކައަށްވުރެ ގިނަ މީހުންވަނީ ކުރިމަތިލާފައި

  • ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފައްޓަފައިވިއެވެ.

މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަގުތު ހަމަވީއިރު ބައިލައްކައަށްވުރެ ގިނަ މީހުންވަނީ ގޯއްޗަށާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށައަޅާފައެވެ.

ބޯހިޔާވަހިކަން އެންމެނަށް ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ވަޢުދުފުޅެކެވެ. މިކަން ކަށަވަރުކުރުމަށް ޢިމާރާތްތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ މާކުރިން ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިންވަނީ އިދާރީ މަސައްކަތްތައްވެސް ފައްޓާވާފައެވެ.


ކުރިން ޤާއިމުކޮށްފައިވާ ޕޯޓަލް އިތުރަށް ހަރުދަނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ އަޑުއަހައިގެން ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެންމެ ފަސޭހައިން ފުރުޞަތުތައް ފަހިވާނެހެން އުސޫލަށް ބަދަލުތަކެއް ގެންނަވާ ބޯހިޔާވަހިކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ މިއަހަރުގެ ޖެނުވަރީ މަހުގެ 18 ވަނަ ދުވަހުގައެވެ. މުއްދަތު ހަމަވީއިރު ފްލެޓަށް އެދި 35900 އަށްވުރެ ގިނަ އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 22000 އަށްވުރެ ގިނަ އެޕްލިކޭޝަންވަނީ ހުށައަޅާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ އެޕްލިކޭޝަންތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ކްރޮސް ވެރިފިކޭޝަންއަކީ ފޯމުގައި ހުށައަޅާފައިވާ މަޢުލޫމާތު ދައުލަތުގެ އެކި އިދާރާތަކުގައި ލިބެން ހުރި މަޢުލޫމާތު އަޅާކިޔުމެވެ. މާލޭގައި ދިރިއުޅުނުކަމަށް ބުނާ މަޢުލޫމާތު ފަދަ މަޢުލޫމާތުތައް ޔަޤީންކުރުމުގެ މަސައްކަތް މިމަރުޙަލާގައި ކުރާނެއެވެ.

ގާތްގަނޑަކަށް ބައިލައްކައަށްވުރެ ގިނަ މީހުން އެޕްލިކޭޝަން ހުށައަޅާފައިވާއިރު މިހުރިހާ ފޯމެއްގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތަށް ވަގުތު ނަގާނެކަމަށް އެވުޒާރާއިން ފާހަގަކުރައްވައެވެ.

ނާޒިމް ވިދާޅުވީ ހައުސިން މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް މަސައްކަތް ފެށީވެސް ވަގުތު ދީގެން އެމަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނެ ފުރުޞަތު ހޯދުމަށްކަމަށެވެ.

ކުރީގައި ހިންގާފައިވާ ހައުސިންގ މަޝްރޫޢުތަކާއި ޚިލާފަށް މިފަހަރު ހައުސިންގއަށް ސަރުކާރުންވަނީ ދުރާލާ ހުޅުވާލާފައެވެ. އަދި މިއަހަރުގެ ތެރޭގައި ހައުސިންގެ ގިނަ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމުން ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ނިމިގެންދާއިރު އާންމުންނަށް ވަގުތުން އެތަންތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބަލާއިރު މީގެކުރިން ހިންގާފައިވާ މަޝްރޫޢުތަކުގައި ދައުރު ހަމަވުމާ ކައިރިކޮށްފައި ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެކަން ވެފައި އޮންނަނީ ރައްޔިތުންގެ ކަންބޮޑުވުމާ އަދި ޝަކުވާއާއި ކުރިމަތިވެ، ދެން އަންނަ ދައުރެއްގައި ހަވާލުވާ ފަރާތްތަކަށް ކުރިމަތިވާ ތަކުލީފު ބޮޑު ޒިންމާއަކަށެވެ. މިކަން މިފަހަރު ތަކުރާރުނުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.