ޚަބަރު

ހުރްމުޒުން އެމެރިކާއިން ފީއެއް ނަގައިފާނެ ކަމުގެ އިޝާރާތެއް


ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނަގައިފާނެ ކަމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާއެކު، ތެހްރާނާއި ވޮޝިންގޓަނާ ދެމެދު އެކުލަވައިލާފައިވާ އިބުތިދާއީ އެއްބަސްވުން އުވިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. ޓްރަމްޕް ވިދާޅުވީ، ޙަމަލާ ބަދަލުކުރުން ހުއްޓައިލާފައިވާ 60 ދުވަހުގެ މުއްދަތުގައާއި އޭގެ ފަހުން ވެސް އެ ކަނޑުއޮޅި ބޭނުންކުރާ އުޅަނދުފަހަރުން ފީއެއް ނެގުމުގެ ފުރުޞަތު އީރާނަށް ނުދެއްވާނެ ކަމަށާއި، ނަމަވެސް އެމެރިކާއިން ފީއެއް ނެގުމުގެ ފުރުޞަތު އޮތް ކަމުގައެވެ. މެދުއިރުމަތީގެ ޤައުމުތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ ޤައުމުގެ ހައިސިއްޔަތުން، އެ ކަމުގެ ޚަރަދުގެ ބަދަލެއްގެ ގޮތުގައި އާމްދަނީގެ %20 ނެގުމާ ގުޅޭ ގޮތުން ޓްރަމްޕް މީގެ ކުރިން ވެެސް މީޑިއާއަށް ދެއްވި ބަސްދީގަތުންތަކުގައި ވާހަކަފުޅު ދައްކަވާފައިވެއެވެ.

ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާއާއި ޔަހޫދީން ގުޅިގެން ފެށި މި ހަނގުރާމައިގައި ދުނިޔޭގެ ތެލާއި ގޭހުގެ %20 އަދި ގަސްކާނާގެ %30 އުފުލާ މި ކަނޑުއޮޅި ބަންދުވުމުން ބާޒާރުގައި އަގުތައް އުފުލިފައިވާއިރު، އީރާނުގެ ބަނދަރުތަކަށް އެމެރިކާ ކުރި ޙިޞާރު ނިމުމަކަށް ގެނެސްފައި ވަނީ ޖޫން 17 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުންނެވެ. ނަމަވެސް، ލުބްނާނަށް ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި އެތައް ބަޔަކު ޝަހީދުކުރުމުން އެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގައި ބުނެ، އީރާނުގެ އަސްކަރިއްޔާއިން ޖޫން 20 ވަނަ ދުވަހު ކަނޑުއޮޅި އަލުން ބަންދުކޮށްފައިވާ ކަން އިޢުލާނުކުރި ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ވަނީ އެ ކަން ދޮގުކޮށްފައެވެ.

ތެހްރާނާއި ވޮޝިންގޓަނުން ސޮއިކޮށްފައިވާ އިބުތިދާއީ އެއްބަސްވުމުގެ ދަށުން އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މަޝްވަރާތައް ބޭއްވުމަށް ބިންގާއެޅިގެން ގޮސްފައިވާއިރު، 60 ދުވަހުގެ މަޝްވަރާތަކަށް ފަހު އެކުލަވައިލާ އެއްބަސްވުމުގެ ދަށުން ހުރްމުޒުން އެއްވެސް ފީއެއް ނެގުމާ ގުޅޭ ނުކުތާއެއް ހިމަނާފައެއް ނުވެއެވެ. އަދި، ހުރްމުޒް ބޭނުންކުރާ އުޅަނދުފަހަރުން އެމެރިކާއިން ފީއެއް ނެގުމާ ގުޅޭ ޚިޔާލު ގަލްފުގެ ޤައުމުތަކާ ޓްރަމްޕް ޙިއްޞާކުރައްވާފައި ނުވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނީ، ސިޔާދަތީ ޙައްޤެއްގެ ގޮތުގައި ފީއެއް ނެގުމުގެ ޚިޔާލު ދޫކޮށްނުލާނެ ކަމަށާއި، ކުރިއަށް އޮތް މަޝްވަރާތަކުގެ ކާމިޔާބީ ބިނާވާނީ މިހާރު އަމަލުކުރަމުންދާ ފަހުމުނާމާ ފުރިހަމައަށް ތަންފީޒުކުރުމަށް ކަމުގައެވެ.

ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރާ މި މަޝްވަރާތައް ޖޫން 21 ވީ އާދިއްތަ ދުވަހު ސްވިޓްޒަލެންޑްގެ ޖެނީވާގައި ފެށުމަށް ހަމަޖެހިފައިވާއިރު، އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފްއާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ އިސްކޮށް ތިއްބަވާ ވަފުދު ވަނީ އެ ޤައުމަށް ގޮސްފައެވެ. އެމެރިކާގެ ފަރާތުން ނައިބު ރައީސް ޖޭޑީ ވެންސްއާއި، ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނަރ، އަދި ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވެސް ވަނީ މި ބައްދަލުވުމަށް އެ ޤައުމަށް ވަޑައިގަންނަވާފައެވެ.