ޚަބަރު

ހުއިފިލަނޑާ ދިރުވާ އާލާކުރުން - ބޮޑު ނަފާއެއް ލިބޭ މަސައްކަތެއް


ކަނޑުފަޅުގެ ފައިދާ އިތުރުކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ. މިގޮތުން ހުއިފިލަނޑާ ދިރުވާ އާލާކުރުމަކީ މިހާރު ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ޤާއިމްކުރައްވައި، ތަރައްޤީކުރެއްވުމުގެ މަގުފަހިކުރެއްވުމުގެ ގޮތުން ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެެ ދަށުން ލ.ދަނބިދޫ އާއި ކަލައިދޫގައި މިހާރު މިވަނީ ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ފަށާފައެވެ.

މިމަސައްކަތްކުރުމަށް މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް، މިމަޝްރޫޢުގެ ދަށުން ލުއިލޯނުގެ ގޮތުގައި ފަންސާސްހާސް ރުފިޔާ ވަނީ ފޯރުކޮށްދެއްވާފައެވެ. 6 ޕަސެންޓްގެ އިންޓްރެސްޓް ރޭޓް ހިމެނޭ މިލޯނު ދައްކަންޖެހެނީ 6 މަސް ދުވަސް ފަހުންކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. ހުއިފިލަނޑާ ދިރުވާ އާލާކުރުމަށް ލ. ދަނބިދޫ އާއި ކަލައިދޫއިން ވަނީ ޖުމްލަ 30 މީހުން ކަނޑައަޅާ އެފަރާތްތަކަށް ލޯން ހަމަޖައްސާ، މިމަސައްކަތަށް ބޭނުންވާ ކޮށްޓާއި ކުދިހުއިފިލަނޑާ ފޯރުވައިދެއްވާފައެވެ. އަދި މަސައްކަތްކުރުމަށް ބޭނުންވާ ތަމްރީން ވަނީ ދެއްވާފައެވެ.

img:http://s3.psmnews.mv/images/660x400/14760046398348.jpg|ދަނބިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ލ. ދަނބިދޫ އާއި ކަލައިދޫއިން ކޮށިތައް ލިބުނު ބައެއް ފަރާތްތަކާއި ވާހަކަދައްކާލުމުން އެފަރާތްތަކުން ވަނީ މިމަސައްކަތުގައި އިތުރަށް ކުރިއަށް ދިއުމަށް ނިންމާފައެވެ. އެފަރާތްތަކުން ބުނީ މިފަދަ ބޮޑު އާމްދަނީ ލިބޭ މަސައްކަތެއްކުރެވޭނެ އިންތިޒާމު އަމިއްލަ ރަށުގައި ތިބެގެން ކުރެވޭނެގޮތް ހަމަޖެހުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި ކުރިއަށްއޮތްތާގައި އިތުރުކޮށި އަޅައިގެން މިމަސައްކަތް ފުޅާކޮށް ކުރިއަށްގެންދިޔުމަށް ނިންމާކަމަށް އެފަރާތްތަކުން ބުންޏެވެ.

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް–އިފާޑް- އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގުޅިގެން 5 އަހަރު ދުވަހުގެ މައްދަތަށް ހިންގަވާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން މޫދުކޮށީގައި ހުއިފިލަނޑާ ގެންގުޅެ މާކެޓް ސައިޒަށް ބޮޑުކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ތަރައްޤީކުރުމުގެ ޒަރީޢާއިން މަސްވެރިކަމުގެ ދާއިރާއިން ވަޒީފާއާއި އާމްދަނީގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތަށް ކުރިއެރުން ލިބިގެންދާނެ މަސައްކަތެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.