އިންވެސްޓްމެންޓްގެ ދާއިރާއިންނާއި މެރިޓައިމްގެ ދާއިރާ އަދި އިޤްތިޞާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް އެމެރިކާއާއެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް، އެސް. ޕޯލް ކަޕޫރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
މި ބައްދަލުކުރެއްވުމުގައި، މިއަހަރަކީ، ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު ސިޔާސީގުޅުން ޤާއިމު ކުރެވުނުތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައިވެއެވެ. އަދި، ފާއިތުވެދިޔަ 60 އަހަރުގެ ތެރޭގައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް ބައްލަވާލައްވާފައި ވެއެވެ.
United States Assistant Secretary of State for South and Central Asian Affairs pays a courtesy call on the President https://t.co/zQk15w1KCi
— The President's Office (@presidencymv) June 24, 2026
މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިޤުތިޞާދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި ސަރަޙައްދުގެ ސަލާމަތާ ގުޅޭ ކަންކަމާ، މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މޯލްޑިވްސް ފަސްޓް ޕޮލިސީގެ ދަށުން، ތަރައްޤީގެ މަޝްރޫޢްތަކާއި، އިޤްތިސާދު ސިންދަފާތުކޮށް ޤައުމަށް ފައިދާ ހުރި މަޝްރޫޢްތަކަށް ދިވެހިރާއްޖެ ހުޅުވާލެވިފައިވާކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މިބައްދަލުވުން ނިންމަވާލައްވާފައިވަނީ، ދެޤައުމަށްވެސް ފައިދާހުރި ކަންކަމުގައި، ދެޤައުމުން އެކީގައި މަސައްކަތް ކުރަން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. ރާއްޖެއާއި އެމެރިކާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 9 އޭޕްރީލް 1966 ގައެވެ.