ރާއްޖެއަށް ޕޭޕަލް ނުގެނެވޭނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނިނަމަވެސް ސަރުކާރުން ސާބުތުކޮށްދިނީ އެއީ ވާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، "ނޭޝަން ޗެޓް" ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފްކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިހާރު އުރީދޫ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ޚިދުމަތް ދިވެހިންނަށް ދަނީ ލިބެމުންނެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް ޕޮޑްކާސްޓް" ގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ފެށުމަކީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވަޢުދުވީކަމެއްކަމަށެވެ. އަދި މެނިފެސްޓޯގައި ރާއްޖެއަށް ޕޭޕަލް ގެނައުމަށް މަސައްކަތްކުރާނެ ވާހަކަ ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނާނެކަމަށް ވިދާޅުވިއެވެ.
ވެރިކަމާއި ހަވާލުވެވަޑައިގެން ވަރަށް ކުރީކޮޅު ސަރުކާރުން ވަނީ މި މަސައްކަތް ފަށާފައެވެ. ރައީސް ވިދާޅުވީ ޕޭޕަލްއަކީ ދުނިޔޭގެ ވަރަށް ބޮޑު ކުންފުންޏެކަމަށާއި، މިކަހަލަ ބޮޑެތި ކުންފުނިތަކާއި ސީދާ ސަރުކާރުން މުއާމަލާތްކުރުން މިއީ ކުރީގެ ސަރުކާރުތަކުން ކުރާކަހަލަ ކަންކަމެއްނޫންކަމަށެވެ.
"މިދިޔަ ސަރުކާރުގެ ދުވަސްވަރު އެބަހުރި ކަންނޭންގެ ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވެފައި އެއީކީ ވާނެކަމެއް ނޫނޭ. ޕޭޕަލް ރާއްޖެއަކަށް ނުގެނެވޭނެއޭ. ބްރިޖްވެސް ނޭޅޭނެއޭ ބުނި ޒަމާނެއް ދިޔަ އަޅުގަނޑު ހައިރާނެއް ނުވޭ އެކަހަލަ ކަންކަމަކަށް. ސަރުކާރުން ފަހިކޮށްދޭންޖެހޭ އެތައްކަމެއް ހުންނާނެ ބޮޑެތި ކުންފުނިތަކުން ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ގާއިމްވާން ބޭނުންވަންޏާ އެމީހުންގެ ސްޓޭންޑާޑްއާއި އެއްގޮތައް ކަންތައް ކުރަންޏާ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިކަންކަން ކުރުމަށް ގާތްގަނޑަކަށް އަހަރެއްހައި ދުވަސް ނެގިކަމަށެވެ. މި ހުރިހައި ކަމެއް ކުރީ ޕޭޕަލްގެ ފަރާތުން ވާހަކަދެއްކި ފަރާތްތަކާއި ވަރަށް ގާތުން މަސައްކަތްކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.
ލޯކަލް ޕާޓްނަރަކަށް ޕޭޕަލްއިން އިޙްތިޔާރުކުރީ އުރީދޫއެވެ. އެއަށްފަހު އުރީދޫއާއިއެކީ ސަރުކާރާއި ޕޭޕަލްއާ ގުޅިގެން ރާއްޖެއަށް ޕޭޕަލް ގެނައުމަށް މަސައްކަތް ފެށިއެވެ. ރައީސް ވިދާޅުވީ، މިފަދަ އިތުރު ޚިދުމަތްތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
"މިއީ ފެށުމެއް. މިއާއިއެކީގައި އަޅުގަނޑުމެން އިތުރު ޚިދުމަތްތައް ގެނައުމާއި އަދި ޕޭޕަލް ތެރެއިން އިތުރު ކަންތައްތައް ފަހިކޮށްދިނުން ކުރިއަށްއޮތީ. ޑިޖިޓަލް އިކޮނޮމީއެއް ގާއިމްކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު ވައުދެއް. ޑިޖިޓަލް އިކޮނޮމީން ރާއްޖޭގެ އިކޮނޮމީއަށް %15 ކޮންޓްރިބިއުޓްކުރެވޭ ހިސާބަށް ގެންދިއުން 2030 އާއި ހިސާބަށް ދާންވާއިރަށް އެއީ އަޅުގަނޑުގެ ޓާގެޓެއް އިއުލާންކޮށްފައި އިން. އެހެންވީމަ އެކަން ކުރުމުގައި މިކަހަލަ އިންޓަނޭޝަނަލް ޕާޓްނާސް ރާއްޖޭގައި އެސްޓަބްލިޝްވުމަކީ މުހިންމުކަމެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީއަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކާއެކު ޒުވާނުންނަށް އަދި ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހައި ފަރާތްތަކަށް މި ލިބިގެންދަނީ ވަރަށް ބޮޑު ލުއިތަކެއްކަމަށެވެ. ޑިޖިޓަލް އިކޮނޮމީއެއް ޤާއިމްކޮށްދީ ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ފުޅާކޮށް ވަރުގަދަކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި މިއީ އަދި ފެށުމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.