ފީފާ ވޯލްޑް ކަޕްގެ ތަށި އުފުލައިލާ ދުނިޔޭގެ ޗެމްޕިއަނުންނަށް ވުމުގެ ގާބިލްކަން މޮރޮކޯ ޓީމުގައި އެބަހުރިކަމަށް އެޓީމުގެ ކޯޗު މުހަންމަދު އުއަހްބީ ބުނެފިއެވެ.
އުއަހްބީ މިހެން ބުނެފައިވަނީ ގްރޫޕް ސީގައި ހައިޓީ އާއި ބައްދަލުކޮށް 4 ލަނޑު 2 ލަނޑުން މެޗު ކާމިޔާބު ކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
އުއަހްބީ ބުނީ މޮރޮކޯވަނީ އާ ހިސާބަކަށް ދަތުރު ކޮށްފައިކަމަށެވެ. އަދި މިހާ ހިސާބުން މިމުބާރާތް ކާމިޔާބު ކުރެވިދާނެކަމަށް އުންމީދު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް މިކަން ހާސިލް ކުރެވޭނީ މުޅި ޓީމު އެކަތި ގަނޑެއްގެގޮތުގައި ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އުއަހްބީ ބުންޏެވެ. އަދި ދުނިޔޭގެ އެއްވަނަ އަށް އެރުމުގެ ހުރިހާ ސިފައެއް މޮރޮކޯ ޓީމުގައި އެބަހުރި ކަމަަށް އެޓީމު ކޯޗު ފާހަގަ ކުރިއެެވެ. މިކަން ކުރެވިދާނެކަމަށް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ގަބޫލް ކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
މޮރޮކޯގެ ކޯޗު ބުނީ ގްރޫޕްގެ އެއްވަނަ ނުލިބުމުން ދެރަވާ ކަމަށާއި ނަމަވެސް މިއީ ހައިރާން ވާ ވަރުގެ ކަމެއް ނޫން ކަމަށެވެ. އެއީ ހައިޓީ ކައިރީގައި އެޓީމަށް އެންމެ ރަނގަޅު ކުޅުން ނުދެއްކޭ ގޮތް ނުވި ކަމަށެވެ. މިމެޗުގެ ކުރިން ބްރެޒިލްއަށް ވުރެ ކުރިއަށް ޖެހުމަށް އުންމީދު ކުރާކަން އުއަހްބީ ހާމަކުރިނަމަވެސް މުބާރާތަށް އަލްވަދާއު ކިޔާފައިވާ ހައިޓީ މިމެޗުގައިވަނީ އެއްވެސް އެެއްޗެއް ގެއްލެން ނެތުމުގެ ސަބަބުން ހިތްވަރު ގަދަ ކުޅުމެއް ދައްކާފައެވެ.
މިމެޗުގައި ހައިޓީ ވަނީ ދެ ފަހަރު މަތިން ލީޑު ނަގާ މޮރޮކޯ ހައިރާން ކޮށްލާފައެވެ. އެހެން ކަމުން މިމެޗު ބުނެވިގެންދާނީ އުނދަގޫ މެޗެއްގެގޮތުގައި ކަމަށް މޮރޮކޯ ކޯޗު ބުންޏެވެ. 32 ޓީމުގެ ބުރުން ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި ޖާގަ ހޯދާފައިވާ މޮރޮކޯއަށް ބައްދަލުކުރަން ޖެހޭނީ ގްރޫޕް އެފްގެ އެއްވަނަ ޓީމާއެވެ. މިގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު ޖަޕާން، ނެދަލަންޑްސް އަދި ސްވިޑްންއަށް އެބައޮތެވެ.
މިމެޗަށްފަހު ވާހަކަ ދައްކަމުން ހައިޓީގެ ކޯޗު ސެބަސްޓިއަން މިގްނަރ ބުނީ މިމެޗުގައި ނިކުތް ނަތީޖާ އާމެދު ހިތްހަމަ ނުޖެހޭކަމަށެވެ. މިމެޗުން ޕޮއިންޓެއް ނަމަވެސް ލިބުނު ނަމަ ހިތްހަމަ ޖައްސާލެވުނީސް ކަމަށެވެ. މިމެޗުގައި އޭނާގެ ކުޅުންތެރިން އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ހިތްވަރު ކުރުން ހުއްޓާ ނުލާކަން މިގްނަރ ފާހަގަކުރިއެވެ. އަދި މިމެޗުގައި ފެނިގެންދިޔައީ މިކުޅުންތެރިން ހައިޓީ އެންމެ މަތީ ފެންވަރުގައި ތަމްސީލް ކުރި ތަން ކަމަށެވެ.