ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި އުރުގުއާއީ އާއި ބައްދަލުކޮށް ސްޕެއިން މޮޅުވުމުން ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ، އޭނާގެ ކުޅުންތެރިންނަށް ތައުރީފް ކޮށްފިއެވެ.
މިމެޗަށްފަހު ވާހަކަ ދައްކަމުން ޑެ ލަ ފުއެންޓޭ ބުނީ ދުވަހެއް ދުވަހަކަށް އޭނާގެ ކުޅުންތެރިންނާއި މެދު ވާ ފަހުރުވެރިކަން އަންނަނީ އިތުރު ވަމުން ކަމަށެވެ. މިޓީމަކީ އަބަދުވެސް އިތުރަށް ކުރިއަރަށް ބޭނުންވާ ޓީމެއް ކަމަށާއި ދޭތެރެ ދޭތެރެއިން އޭނާއަށްވެސް ހައިރާން ކަން ލިބޭކަމުގައި ޑެ ލަ ފުއެންޓޭ ބުންޏެވެ. އަދި އުރުގުއާއީ އަކީ ސްޕެއިން ކުޅޭ ގޮތާއި މުޅިން ތަފާތު ކުޅުމެއް ކުޅޭ ޓީމެއް ކަމަށާއި އެފަދަ ޓީމަކާއި ދެކޮޅަށް ނިކުމެ ކުރިމަތިވި ގޮން ޖެހުން ތަކާއެކުވެސް މެޗު ކާމިޔާބު ކުރެވުމުން އެޓީމުން މިކަމަށް ބޭނުންވެފައިވާ މިންވަރު އެނގިގެންދާކަމަށެވެ.
މިކާމިޔާބީ އާއެކު ސްޕެއިންއިން ގްރޫޕް މަރުހަލާ ބައިކޮޅަށް ލަނޑެއް ވަނަނުދީ ނިންމާލިއިރު މިއީ އެޓީމުން ބަލިނުވެ ފުރިހަމަ ކުރި 34 ވަނަ މެޗެވެ. އަދި މިއީ ޑެ ލަ ފުއެންޓޭ ފާހަގަ ކުރާ ގޮތުގައި ކުޅުންތެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރެވެ.
މިމެޗަށްފަހު ވާހަކަ ދައްކަމުން އުރުގުއާއީގެ ކޯޗު މާސެލޯ ބިއެލްސާވަނީ ވޯލްޑް ކަޕަށް އެޓީީމު އަލްވަދާއު ކިޔަން ޖެހުމުގެ ޒިންމާ ނަގައިކަން ހާމަކޮށްފައެވެ. އޭނާ ބުނީ އުރުގުއާއީގައި ތިބި ހުނަރުވެރި ކުޅުންތެރިން ޓީމަކަށް ހެދުމުގައި ނާކާމިޔާބު ވެފައެވެ.
ބިއެލްސާ ބުނީ އެޓީމު މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނީ ދިފާއުގައި ހެދުނު ގޯސް ތަކާއި ލިބޭ ފުރުސަތު ނިންމާލުމުގައި އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވުމުންނެވެ. އަދި އޭނާ އުރުގުއާއީ ޓީމާއި މިހާތަނަށް ހޭދަކުރި 39 މަހުގެ ތެރޭގައި އެއްވެސް ކަމެއް ހާސިލްވިކަމަށް ގަބޫލް ނުކުރާކަމަށްވެސް ބިއެލްސާ ބުންޏެވެ.
އޭނާ ބުނީ ކަމެއް ހާސިލް ވި ކަމަށް ބެލިގެންދާނީ އެކޯޗަކު ޓީމަކާއެކު ހޯދާ ކާމިޔާބީއެއްގެ މައްޗަށް ބިނާކޮށެވެ. އެކަން މިފަހަރުގެ ވޯލްޑް ކަޕާއެކު އޭނާއަށް ހާސިލް ކުރެވުނު ކަމަށް ގަބޫލް ނުކުރާކަމަށް ބިއެލްސާ ބުންޏެވެ.