ސިޔާސީ

ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ޑރ.ޚަލީލް


ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ޕީޕީއެމްގެ ކައުންސިލުން ބޭފުޅުން އައްޔަންކުރައްވައިފިއެވެ. 

ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށާއި، ސެކްރެޓަރީ ޖެނަރަލްގެ ނައިބުކަމުގެ މަޤާމަށް ބޭފުޅުން އައްޔަންކުރެއްވީ، ސިވިލް ކޯޓުގެ ޙުކުމާ އެއްގޮތަށް ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސަތުގެ ދަށުން ބޭއްވި ޕީޕީއެމްގެ ކައުންސިލު ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚާލީލްއެވެ. އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އިޤްބާލް އާދަމްއެވެ. 

img:http://s2.psmnews.mv/images/660x400/14766409043550.jpg|ޕީޕީއެމް ކައުންސިލު ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: މެމްބަރު އަހުމަދު ނިހާން

ޕީޕީއެމްގެ ކައުންސިލު ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ޕީޕީއެމްގެ ފަރާތުން ޕީޖީ ލީޑަރ އަހުމަދު ނިހާން އަދި ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގަންނަވާގޮތަށް ކައުންސިލުން ނިންމެވިއެވެ. ޕީޕީއެމްގެ ކައުންސިލު ބައްދަލުވުމުގައި ޕާޓީގެ މުސްތަޝާރު ރައީސް ޔާމީންއާއެކު 20 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ކައުންސިލު ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް މައުމޫންގެ ރިޔާސަތުގެ ދަށުން، ޕީޕީއެމްއިން ވަކިކޮށްފައިވާ މެމްބަރުންތަކެއް ހިމަނައިގެން ކައުންސިލު ބައްދަލުވުމެއް ބޭއްވިނަމަވެސް، ކޯޓުން ކޮށްފައިވާ ޙުކުމާ ގުޅިގެން އެބައްދަލުވުން ޞައްޙަނުވާނޭކަމަށެވެ. އަދި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމާ ގުޅިގެން ޕާޓީގެ މުސްތަޝާރަށް ޕާޓީގެ ހިންގުން ހަވާލުކޮށްފައިވަނިކޮށް، އިތުރު ފަރާތަކަށް ޕާޓީގެ ކަންކަމާމެދު އެއްވެސް ގޮތެއް ނުނިންމޭނޭކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.