ވެނެޒުއެލާއަށް އައި ބާރުގަދަ ދެ ބިންހެލުމުގެ އަސަރު ގާތްގަނޑަކަށް ހަތް މިލިޔަން މީހުންނަށް ކޮށްފައިވާ ކަމަށް އދން ބުނެފިއެވެ.
ޖޫން މަހުގެ 24ވަނަ ދުވަހު ރެކްޓަރ މިންގަނޑުން 7.2 އަދި 7.5ގެ ބާރުމިނުގައި އައި ބިންހެލުންތަކުގެ ސަބަބުން ވެނެޒުއެލާގެ ކަރަކަސްގެ އުތުރުގައި އޮންނަ ލަ ގުއައިރާގެ ބޮޑެތި އިމާރާތްތްއް ވަނީ ސުންނާފަތިވެފައެވެ. ފާއިތުވި ޤަރުނުގެ ތެރޭގައި ވެނެޒުއެލާއަށް އައި އެންމެ ބާރުގަދަ ބިންހެލުންތަކުގެ ސަބަބުން 1،000އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ހާސް މީހުންނެއް ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އދގެ އެހީ ފޯރުކޮށްދޭ އިދާރާގެ އިސްވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ ގެއްލިފައިވާ މީހުންގެ ޢަދަދު 50،000އަށް އަރާ ކަމަށެވެ.
އދން ބުނީ އެ ބިންހެލުންތަކުގެ އަސަރު 6.76 މިލިޔަން މީހުންނަށް ކޮށްފައިވުން އެކަށީގެންވާ ކަމަށެވެ. އދން އެ ޢަދަދު ލަފާކޮށްފައި ވަނީ އާބާދީއާ ބެހޭ މަޢުލޫމާތުގެ އިތުރުން ލިބިފައިވާ ގެއްލުންތަކާ ގުޅޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ބިންހެލުުގެ އަސަރުކޮށްފައިވާ މީހުންގެ ތެރެއިން ދެ މިލިޔަނަށްވުރެ ގިނަ މީހުންނަކީ ބިންހެލުން އައި ކަރަކަސްގައި ދިދިއުޅޭ މީހުން ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އދގެ ހިޖުރަކުރުމާ ބެހޭ އިދާރާ، އައިއޯއެމްއިން ބުނީ މައިކްރޯސޮފްޓުގެ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ އިދާރާއިން އެއްކޮށްފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި ކަރަކަސްގެ އަވަށެއް ކަމަށްވާ ޗާތިއަ ލަ މާރގެ އިމާރާތްތަކުގެ ތެެރެއިން 31.5 އިންސައްތަ ބިންހެލުމުގެ ސަބަބުން ސުންނާފަތިވެ ބިމާ ހަމަވެފައިވާ ކަމަށެވެ. އެ ފަދަ އެސެސްމަންޓުތަކުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވަ ސަރަޙައްދުތައް ފާހަގަ ކުރުމަށް ފަސޭހަވާ ކަމަށާއި، އެންމެ އަވަހަށް އެހީ ފޯރުކޮށްދޭން ޖެހޭ ސަރަޙައްދުތައް އަވަސް ގޮތަކަށް ދެނެގަނެވޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ބިންހެލުންތައް އައުމުގެ ކުރިން ވެސް ވެނެޒުއެލާއަށް އިންސާނީ ކާރިޘައެއް ކުރިމަތިވެފައިވާ ކަން ފާހަގަކުަރައްވައި އައިއޯއެމްގެ އިސްވެރިޔާ، އޭމީ ޕޯޕް ވިދާޅުވީ ބިންހެލުމުގެ ސަބަބުން ގެދޮރު ގެއްލޭ މީހުންގެ ޢަދަދު އިތުރު ވާނެ ކަމަށެެވެ. އެހެންކަމުން، ޢާންމުންގެ ފުރާނަ ސަލާމަތްކޮށް، ކުރިއަށް އޮތް އުނދަގޫ ދުވަސްތަކުގައި ވެނެޒުއެލާގެ ރައްޔިތުންނަށް ހަލުވިކަމާއެކު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުން މިހާރަށް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަމުގެ ތެރޭގައި ވަގުތީ ބޯހިޔާވަހިކަމާއި ސާފު އަދި ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އައިއޯއެމްއިން ވަނީ ހަލުވިކަމާއެކު ވެނެޒުއެލާގެ ރައްޔިތުންނަށް އެހީތެރިވުމަށް ބައިނަލްްއަޤްވާމީ ދުނިޔެއަށް ގޮވާލައިފައެވެ. އަވަސް ގޮތަކަށް އެހީތެރިކަން ފޯރުކޮށްދެވިއްޖެ ނަމަ ގިނަ ފުރާނަތަކެއް ސަލާމަތް ކުރެވޭނެ ކަމަށާއި ޢާންމުންނަށް ކުރިމަތިވެފައިވާ އުނދަގޫ ޙާލަތުން ސަލާމަތްވުމަށް ފަސޭހަ ވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.