ޚަބަރު

ޔޫކްރޭނާއި ރަޝިޔާއިން ބަދަލުކުރި ޙަމަލާތަކެއްގައި އާންމުންގެ ބަޔަކު މަރުވެއްޖެ


ޑްރޯނާއި ބަރު ހަތިޔާރު ބޭނުންކޮށްގެން، ޔޫކްރޭނާއި ރަޝިޔާއިން އިއްޔެ ބަދަލުކުރި ވަރުގަދަ ޙަމަލާތަކުގައި އާންމުންގެ ބަޔަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރަޝިޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ބްރިޔާންސްކްގައި، ޔޫކްރޭނުގެ ޑްރޯން ޙަމަލާއެއް އަމާޒުވެ، ކާރެއްގައި ތިބި ދެ މީހަކު ވަނީ މަރުވެފައެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، އިއްޔެގެ ގާތްގަނޑަކަށް 12 ގަޑިއިރުގެ ތެރޭގައި ޔޫކްރޭނުން ފޮނުވައިލި 124 ޑްރޯން ވައްޓާލާފައިވާ ކަމަށެވެ.

މީގެއިތުރުން، ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ދޭން އުޅުނު ޑްރޯން ޙަމަލާތަކެއް ވެސް ދިފާޢުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

ޔޫކްރޭނުން ބުނީ، އިއްޔެ އެކަނިވެސް ޑްރޯނާއި ބަރު ހަތިޔާރު ބޭނުންކޮށްގެން ޖުމްލަ 40 ޙަމަލާ ރަޝިޔާއިން ދީފައިވާ ކަމަށެވެ. އެ ޙަމަލާތަކުގައި އެކަކު މަރުވެ، އިތުރު މީހަކު ވަނީ ޒަޚަމްވެފައެވެ.

ދެ ފަރާތުން ބަދަލުކުރަމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަވެ، 2022ވަނަ އަހަރުން ފެށިގެން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ދުވަހެއް އެނގެން ނެތް މި ދަނޑިވަޅުގައި، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ބައްދަލުކުރެއްވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމުގައި ވިދާޅުވެފައެވެ.