ޚަބަރު

2028ގައި ހައުސިންގެ ގިނަ މަޝްރޫއުތަކެއް ނިންމަނީ


  • ހައުސިންގ މަޝްރޫޢުތަކުގައި މިއަހަރުގެ ތެރޭގައި ވެސް ވަރަށް ބޮޑުކުރިއެރުމެއް ފެންނާނެ ކަމަށް ވިދާޅުވި

  • މިސަރުކާރު އައިއިރު ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދާކަމަށް ވިދާޅުވި

2028ގެ މެދާއި ހިސާބަށް ދާއިރު ހައުސިންގެ ގިނަ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތުގެ ބޮޑު އިންސައްތައެއް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހައުސިންގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށާއި، އަމާޒަކީ މި ދައުރުތެރޭގައި އެ މަޝްރޫޢުތައް ނިންމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ހައުސިން މަޝްރޫޢުތައް އަމަލީގޮތުން ކުރިއަށް ގެންދިއުމުގައި، މި އަހަރުގެ ތެރޭގައި ވެސް ވަރަށް ބޮޑުކުރިއެރުމެއް ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެކުރިން އެއްވެސް ސަރުކާރަކުން ފެށި ހައުސިން މަޝްރޫޢެއް އެ ދައުރުގެ ތެރޭގައި ނިންމިފައި ނުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ އެކަން ބަދަލުކޮށްލެއްވުންކަމަށެވެ. އަދި ބައެއް ރަށްރަށުގެ ހައުސިން މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް އަންނަ އަހަރު ނިމޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެކި ޤައުމުތަކާއި އެކު އޮންނަ ގުޅުމުގެ ތެރެއިން، މިސާލަކަށް އިންޑިއާ އަދި ޗައިނާ ސަރުކާރު، މި ގުޅުމުގެ ތެރެއިން މަސައްކަތް ކުރަނީ އިތުރު މަޝްރޫޢުތައް ފެށުމަށް. އަމަލީ ގޮތުން ފްލެޓް އެޅުމުގައި މި އަހަރު ތެރޭގައި އިތުރު ކުރިއެރުންތައް ފެނިގެންދާނެ." ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން، ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސްގެ ތެރެއިން ރާއްޖޭގެ 13 ރަށެއްގައި ހައުސިން މަޝްރޫޢުތައް ހިންގަން ހަވާލުކޮށްފައިވާއިރު، މިހާރު އެ މަޝްރޫޢުތަކަށް ބޭނުންވާ އެޑްވާންސް ފައިސާ ހަމަޖައްސާދީ، އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ، ބީއެމްއެލް ފައިނޭންސިންގެ ދަށުން ހުޅުމާލެ އާއި ވިލިމާލޭގައި ބިންގާ އަޅާފައިވާ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު އެކި ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފަށައިގެން މިހާރު ކުރިއަށް ގެންދާކަމަށާއި، އައު ފައިނޭންސިން މޮޑެލްތަކާއެކު އިތުރު ހައުސިން މަޝްރޫޢުތަކުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ހައުސިންގެ އެންމެ ބޮޑު މަޝްރޫޢެއް ހިންގަނީ ކުޅުދުއްފުށީ ސިޓީގައެވެ. އެ ސިޓީގައި ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫޢުތަކުގެ ތެރެއިން 400 ހައުސިން ޔުނިޓުގެ އެގްރީމެންޓް އެކުލަވާލުމުގެ މަރުހަލާ މި ހަފްތާތެރޭގައި ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ގޯއްޗާއި ގެދޮރުގެ ވަޢުދުތައް ފުއްދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ހައުސިންގެ ދާއިރާ އިތުރަށް ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބުވާނެކަމުގެ އުންމީދު އޮތްކަމަށާއި އެ ދާއިރާއިން އިތުރު ފުރުސަތުތައް އާއްމުންނަށް ހުޅުވާދިނުމަށް މަސައްކަތްކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.