ޚަބަރު

އިންޒެކް 2026ގެ ޕްލެޓިނަމް ސްޕޮންސަރަކަށް ބީއެމްއެލް


  • ބީއެމްއެލްއަކީ އިންޒެކް 2025ގެ ވެސް ޕްލެޓިނަމް ސްޕޮންސަރ

  • މިއީ މޯލްޑިވްސް ޒަކާތު ހައުސުން ބާއްވާ 3ވަނަ ކޮންފަރެންސް

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) 2026ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ހަމަޖައްސައިފިއެވެ. ބީއެމްއެލްއަކީ، އިންޒެކް 2025ގެވެސް ޕްލެޓިނަމް ސްޕޮންސަރެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވީ، ބީއެމްއެލްއަކީ އެ ކުންފުނީގެ މަސައްކަތްތަކަށް އަބަދުވެސް އެހީތެރިވެދޭ ބައިވެރިއެއް ކަމަށެވެ. އެގޮތުން ޒަކާތާ ގުޅުންހުރި މުހިންމު މަސައްކަތްތަކަކަށް ބީއެމްއެލުން ވަނީ އެއްބާރުލުން ދީފައެވެ. އޭގެ ތެރޭގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ފަހިކޮށްދިނުމާއި، ފަސޭހަކަމާއެކު ލިބެން ހުންނަ ބޭންކިންގ ޚިދުމަތްތައް މެދުވެރިކޮށް އާންމުންނަށް ޒަކާތުގެ ވާޖިބު އަދާކުރުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.

މި ދެމެހެއްޓެނިވި ގުޅުމަކީ، އިޖުތިމާޢީ ރައްކާތެރިކަމާއި، ފައިނޭންޝަލް އިންކްލޫޝަން އަދި ރާއްޖޭގައި ޒަކާތް ބަލައިގަތުމާއި، ބެހުމުގެ ނިޒާމު ހަރުދަނާކުރުމަށް މަގުފަހިކުރާ ކަންކަމަށް އެއްބާރުލުން ދިނުމުގައި ބީއެމްއެލުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޒަކާތާ ގުޅުންހުރި ޒަމާނީ މައްސަލަތަކާއި ފުރުޞަތުތަކާ މެދު މަޝްވަރާކުރުމަށް ޢިލްމުވެރިންނާއި، މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ ޢަމަލީ މަސައްކަތްތެރިން އެއް ތަނަކަށް ޖަމާކޮށްދޭ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސަށް ބީއެމްއެލުން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އެ ބޭންކަށް ޒަކާތު ހައުސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އިންޒެކް 2026އަކީ، މޯލްޑިވްސް ޒަކާތު ހައުސްއިން ބާއްވާ މިފަދަ ތިންވަނަ ކޮންފަރެންސެވެ. މިއީ، އިސްލާމިކް ސޯޝަލް ފައިނޭންސް ހަރުދަނާ ކުރުމަށާއި، އިޖުތިމާޢީ އަދި އިޤުތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި އެ ދާއިރާގެ ދައުރާ ގުޅޭގޮތުން ޢިލްމު ޙިއްޞާ ކުރުމަށާއި މަޝްވަރާކުރުމަށް ފަހިވެގެންދާ މުހިންމު މަންސައެއް ކަމަށްވެސް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.