ޚަބަރު

މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 2 ބިލިޔަން ރުފިޔާ ހޯދައިފި


  • ހަނދާންކޮށްދިނުމަށް ގުޅައިގެންނާއި މެއިލްކޮށްގެން 151 މިލިޔަން ރުފިޔާ ހޯދާފައިވޭ

  • އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 176 ފަރާތަކަށް ހަމަޖައްސާދީފައިވޭ

އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުރި މަސައްކަތުން 2 ބިލިޔަން ރުފިޔާ ހޯދާފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުއާޓަރުގައި 2 ބިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ.

މީރާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާހުރި ފައިސާތައް ހޯދާފައިވާގޮތުގެ މައުލޫމާތުވެސް ކުއާޓަރލީ ރިޕޯޓުގައި ހިމަނާފައިވެއެވެ.

ފައިސާތައް ހޯދާފައިވާގޮތުގެ ތަފްސީލް:

ޑަނިންގ ނުވަތަ އެކި ގޮތްގޮތުން މުއާމަލާތްކޮށްގެން: 1.2 ބިލިޔަން ރުފިޔާ
ޑިއުސް ކްލިއަރަންސް: 617 މިލިޔަން ރުފިޔާ
ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ޕޮލިސީގެ ދަށުން: 13.5 މިލިޔަން ރުފިޔާ
ހަނދާންކޮށްދިނުމަށް ގުޅައިގެންނާއި މެއިލްކޮށްގެން: 151 މިލިޔަން ރުފިޔާ
ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުން: 13.1 މިލިޔަން ރުފިޔާ

ފުރަތަމަ ކުއާޓަރގައި ޓެކްސް ބަޔާން ހުށަނާޅާ 10،701 ފަރާތަކަށާއި، ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 5776 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ވަނީ ހަވާލުކޮށްފައެވެ.

ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް މީރާއިން ވަނީ ލުއިގޮތްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 176 ފަރާތަކަށް ހަމަޖައްސާދީފައިވާއިރު، އެއީ ޖުމްލަ 256 މިލިޔަން ރުފިޔާގެ ޓެކްސް ފައިސާ ކަމަށް މީރާގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވެއެވެ.