ރާއްޖޭގެ 18 އަތޮޅެއްގައި ހުރި އާސާރީ ތަންތަން ދިރާސާކޮށް، އެ ތަންތަނުގެ މައުލޫމާތު ކިތާބުކުރުން ނުވަތަ ޑޮކިއުމެންޓް ކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 400 އަށްވުރެ ގިނަ އާސާރީ ތަންތަން މިހާތަނަށް ލިސްޓުކުރެވިފައިވާ ކަމަށެވެ. އަދި އެ ތަންތަން ބެލެހެއްޓުމާއި މައުލޫމާތު އެއްކުރުމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ޖަޕާނުގެ ކިޔޯޓޯ ޔުނިވާސިޓީ ގުޅިގެން "މެރިޓައިމް ސާވޭ" ގެ ނަމުގައި ހާއްސަ މަޝްރޫއެއް ކުރިއަށް ގެންދަމުންދާ ކަމަށެވެ.
މި ދިރާސާގެ ތެރެއިން މިހާތަަނަށް 18 އަތޮޅުގައި ހުރި އާސާރީ ތަންތަން ދިރާސާކޮށް ކިތާބުކުރުމުގެ މަސައްކަތްތައް ނިންމާލެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ އއ. އަދި އދ. އަތޮޅުގެ މަސައްކަތްތައް ކަމަށާއި، ޖުލައި މަހުގެ ތެރޭގައި އެ ދެ އަތޮޅުގެ މަސައްކަތް ނިމުމުން މާލޭގެ އާސާރުތައް ކިތާބުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މާލޭގެ މަސައްކަތާއެކު މުޅި ރާއްޖޭގެ ހުރިހާ އާސާރުތަކެއް ޑޮކިއުމެންޓްކޮށް ކިތާބުކުރުމުގެ މަސައްކަތްތައް ނިމޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މަޝްރޫޢުތައް ނިމުމުން މި މައުލޫމާތުތައް އޮންލައިން ޑޭޓާބޭސްއެއްގައި ކިޔަވާކުދިންނާއި ދިރާސާކުރާ ކުދިންނަށް ލިބެންހުންނާނެ. އަދި މައުލޫމާތު ހޯދާއި ބަލައި އެ މަސައްކަތްތައް ހިލޭ ބަލާލެވޭނެ. އަދި މި މައުލޫމާތުތަކަކީ ޕޮލިސީ ލެވެލްގެ މުހިންމު ކަންތައްތައް ނިންމުމުގަޔާއި މި ދާއިރާ އިތުރައް ތަރައްޤީކުރުމުގެ މަސައްކަތްތައް ވަރަށް މުހިންމު މައުލޫމާތުތަކަށް ވެގެންދާނެ. އަދި މި މަސައްކަތްތައް މިހާރުވެސްކޮށް ވަރަށް އަވަަހަށް ނިމިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.
ހއ. ކެލާގެ ލިލީ ހައުސް ތަރައްޤީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ މިދޔަ މަހުގެ ތެރޭގައި ވުޒާރާގެ ޓީމެއް އެރަށަށް ޒިޔާރާތްކޮށް އިވެލުއޭޝަން މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި މި ޕްލޭންގެ ދަށުން ވީހާވެސް އަވަހަށް ލިލީ ހައުސް މަޝްރޫއުގެ މަސައްކަތްތައް ފެށި، މިއަހަރުގެ ތެރޭގައި މި މަސައްކަތްތައްވެސް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލުވެސް ހިއްސާކުރެއްވިއެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހު ޔުނެސްކޯއަށް ހުށަހެޅި ނޮމިނޭޝަން ފައިލް އެ އިދާރާއިން މިހާރު ބަލައިގެންފައިވާ ކަމަށާއި، މިހާރު އެޕްލިކޭޝަން އޮތީ އިވެލުއޭޝަން މަރުހަލާގައި ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ތަންތަން އިވެލުއޭޓް ކުރުމަށް ޔުނެސްކޯގެ ޚާއްސަ ޓީމެއް އަންނަ ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަން ކާމިޔާބުވުމަކީ ރާއްޖޭގެ ސަޤާފީ ތަރިކައިގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަންވެސް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.