ފީފާ ވޯލްޑް ކަޕުގެ ގަދަ 16ގެ ބުރުގައި އިންގްލެންޑް ކުޅޭ މެޗު ބަލަން، އެޓީމަށް ސަޕޯޓުކުރާ އަދި އިންގްލެންޑަށް ނިސްބަތްވާ ކުޑަކުދިން ހޭލާ ތިބެން، އެ ކުދިންގެ ބެލެނިވެރިން ހުއްދަދޭން ކޯޗު ތޯމަސް ޓުޗެލް އެދިއްޖެއެވެ.
މުބާރާތެގެ ރައުންޑް އޮފް 16ގައި އިންގްލެންޑުން ކުޅެން ޖެހެނީ މިފަހަރުގެ މުބާރާތުގެ އެއް ހޯސްޓު ކަމުގައިވާ މެކްސިކޯއާ ދެކޮޅަށެވެ.
މި ދެ ޓީމުގެ ކުރިމަތިލުން ފެނިގެންދާ މެޗު އޮންނާނީ މި މަހުގެ ހަވަނަ ދުވަހުގެ ފަތިހު، ރާއްޖެ ގަޑިން 05:00 ގައެވެ. އެއީ އިނގިރޭސިވިލާތު ގަޑިންނަމަ ދަންވަރު 01:00 އެވެ. މިއީ އާންމު ގޮތެއްގައި ރާއްޖޭގައި ވެސް ސްކޫލް ދުވަސްތަކުގައި ކުޑަކުދިން ހޭލާ ތިބޭ ވަގުތެއް ނޫނެވެ.
މުބާރާުގެ ގަދަ 32 ބުރުގައި އިންގްލެންޑުން ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗު ފެށީ އިނގިރޭސިވިލާތު ގަޑިން ހަވީރު 05:00ގައެވެ. އެހެންކަމުން އެ ގައުމުގެ އެކި ކަންކޮޅުތަކުގައި، 15-20 މިލިއަނާ ދެމެދުގެ އަދަދެއްގެ މީހުން މި މެޗު ބެލިކަމަށް ބައެއް މަސްދަރުތަކުން ރިޕޯޓުކުރެއެވެ.
އިނގިރޭސިވިލާތުގެ ސްކޫލް ކުދިންނަށް އަދި ހޫނު މޫސުމުގެ ޗުއްޓީ ނުފެށޭއިރު، ކިޔެވުން އޮންނަ ދުވަހެއްގައި މި މެޗު އެހާ ދަން ގަޑިއެއްގައި ކުޅޭތީ ބައެއް ބެލެނިވެރިން ތިބީ ކަންބޮޑުވެފައިކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރެއެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޓުޗެލް ބުނީ، ސްކޫލާ ގުޅުންހުރި ގިނަކަންތައްތަކެއް އަބަދުވެސް، ކޮންމެ ދުވަހަކުވެސް ހިނގާ ކަމަށާއި ނަމަވެސް ވޯލްޑް ކަޕަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ މުބާރާތަކަށް ވާއިރު، އަމިއްލަ ގައުމު ކުޅޭ މެޗުތައް ބަލަން ފުރުސަތުދޭން ޖެހޭ ކަމަށެވެ.
އަދި ގަދަ 16ގައި މެކްސިކޯއާ ދެކޮޅަށް ނުކުންނަ މެޗަކީ އިންގްލެންޑަށް ވަރަށް މުހިންމު، ބޮޑު މެޗެއް ކަމަށާއި، ހުރިހާ އެންމެންގެ ސަޕޯޓު ޓީމަށް ވަރަށް ބޭނުންވާ ކަމަށެވެ. ޓީމުގެ ކާމިޔާބީއަށް، ޙާއްސަ ގޮތެއްގައި ކުޑަކުދިންގެ ސަޕޯޓު ވަރަށް މުހިންމުކަމަށް އޭނާ ބުންޏެވެ.
ފުރަތަމަ ފަހަރަށް 48 ޓީމު ބައިވެރިވާ ގޮތަށް، ތިން ގައުމެއްގައި ބާއްވާ ފީފާ ވޯލްޑް ކަޕުގައި އިންގްލެންޑު ހިމެނުނީ ގްރޫޕް އެލްގައެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ކްރޮއޭޝިއާ އާއި ގާނާ އަދި ޕެނަމާއެވެ.
އިންގްލެންޑުން މުބާރާތުގެ ރައުންޑް އޮފް 32އަށް ދަތުރުކުރީ އެ ގުރޫޕުގެ އެއްވަނައިގެ ގޮތުގައެވެ. ރައުންޑް އޮފް 16ގެ ޖާގައެއް އެ ޓީމުން ހޯދީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ މައްޗަށް 1-2 ގެ ނަތީޖާއަކުން އުނދަގޫ މޮޅެއް ހޯދައިގެންނެވެ.