މެޓްލައިފް ސްޓޭޑިއަމްގައި ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ބްރެޒިލާއި ނޯވޭ ބައްދަލުކުރާ ފޯރިގަދަ މެޗަކީ ގިނަބައެއްގެ ސަމާލުކަން ހުއްޓޭނެ މެޗެކެވެ. މުބާރާތުގެ ގަދަ 8ގެ ތެރެއިން ޖާގަ ލިބޭނީ އާލިންގ ބްރައުޓް ހާލަންޑާއި ވިނިޝިއަސް ޖޫނިއަރގެ ތެރެއިން ކޮންމެވެސް 1 ކުޅުންތެރިއަކަށެވެ.
ދުނިޔޭގެ ރެކޯޑް އަދަދަށް ތަށި ހޯދާފައިވާ ބްރެޒިލަކީ މި މުބާރާތުގެ ނޮކްއައުޓް ބުރުގެ ތަޖުރިބާ ބޮޑު ޓީމެކެވެ. ބްރެޒިލުން މަސައްކަތްކުރަމުންދަނީ 24 އަހަރުވީ އިންތިޒާރަށް ނިމުމެއް ގެނެސް ތަށި އަލުން އެގައުމަށް ގެންދާށެވެ. ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗުގައި ޖަޕާން އަތުން އެ ޓީމު މޮޅުވީ އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑަކުން ވަރަށް އުނދަގުލުންނެވެ. ނޯވޭއަކީ ވެސް އެފަދަ ވަރުގަދަ ގޮންޖެހުމަކަށް ވާނެއެވެ.
ސޮލްބަކަންގެ ނޯވޭ ޓީމުން ލަނޑު ޖަހާނެ ކަމުގެ އުއްމީދު ބޮޑެވެ. ހާއްސަކޮށް ހާލަންޑް ހުއްޓުވުމެއް ނެތް ފޯމެއްގައި ހުރުމުންނެވެ. ނަމަވެސް ބްރެޒިލްގެ ސްކޮޑަކީ ނޯވޭއަށް ވުރެ ފެންވަރުގެ ގޮތުން މާ މަތީ ޓީމެކެވެ. އެ ފެންވަރާއި އެކު ކޯޗު އަންޗެލޮޓީގެ ހުޝިޔާރު ރޭވުންތެރިކަމާއެކު، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ފޭވަރިޓުންގެ ގޮތުގައި މިމެޗުގައި ބެލެވޭނީ ބްރެޒިލެވެ.
ބްރެޒިލްގެ ލޫކަސް ޕަކޭޓާގެ ފިޓްނަސްއާ މެދު ވަނީ ސުވާލު އުފެދިފައެވެ. ޖަޕާން މެޗުގެ ހާފް ޓައިމްގައި އޭނާ ބަދަލުކުރީ ފައިގެ ފަހަތު މަސްގަނޑަށް (ހޭމްސްޓްރިންގް) ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ބްރެޒިލްގެ ފްލެމެންގޯއަށް މިހާރު ކުޅެމުންދާ ޕަކޭޓާ، ގަދަ 16 ގެ މެޗުގައި ނުކުޅޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އަދި މުބާރާތް ނިމުމުގެ ކުރިން އެނބުރި ކުޅުމާ ބައިވެރިވެވޭތޯ ބްރެޒިލްގެ މެޑިކަލް ޓީމުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
ސޮލްބަކަންއަށް އޮތް ކަންބޮޑުވުމަކީ، އެ ޓީމުގެ ފުރަތަމަ ޗޮއިސް ރައިޓް ބެކް ޖޫލިއަން ރަޔަސަންއަށް މި މެޗުގައި ވެސް ނުކުޅެވިދާނެތީއެވެ. އެހެންވެއްޖެ ނަމަ، ވިނީޝިއަސް ހުއްޓުވުމުގެ ޒިންމާ އުފުލަން ޖެހޭނީ މާކަސް ހޮލްމްގްރެން ޕެޑަސަންއަށެވެ.
މީގެ އިތުރުން، ނޯވޭ ޓީމުގައި އަނިޔާގެ މާ ބޮޑު މައްސަލައެއް ނެތެވެ. އަދި ގަދަ 32 ގައި އައިވަރީ ކޯސްޓް އަތުން މޮޅުވި ޓީމަށް ބޮޑު ބަދަލެއް ގެންނާނެ ކަމަކަށް ނުބެލެވެއެވެ.