ޚަބަރު

ވައިޓަލް ކެއާއިން ދިއްފުއްޓާއި ތުލުސްދޫގައި ކާމިޔާބު މެޑިކަލް ކޭމްޕުތަކެއް


  • ތުލުސްދޫގައި މެޑިކަލް ކޭމްޕު ބޭއްވީ މިމަހުގެ 3އިން 4އަށް

  • ދިއްފުށީގައި މެޑިކަލް ކޭމްޕު ބޭއްވީ ޖޫންމަހުގެ 26އިން 27އަށް

ވައިޓަލް ކެއާއިން ކ. ދިއްފުއްޓާއި ކ. ތުލުސްދޫގައި ބޭއްވި މެޑިކަލް ކޭމްޕުތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ކޭމްޕުތަކުގައި 200އަށްވުރެ ގިނަ ބަލި މީހުންނަށް ޚިދުމަތް ދީފައިވެއެވެ.

މި ކޭމްޕުތަކަކީ، އެކުންފުނީގެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހިލޭ ޞިއްޙީ ޚިދުމަތް ދިނުމަށް ކުރިއަށްގެންދާ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ހިންގި ހަރަކާތެކެވެ. އެގޮތުން މިމަހުގެ 3 އިން 4 އަށް ކ.ތުލުސްދޫގައި މެޑިކަލް ކޭމްޕު ކުރިއަށް ގެންގޮސްފައިވާއިރު، މިދިޔަ ޖޫންމަހުގެ 26އިން 27އަށް ކ.ދިއްފުށީގައި މެޑިކަލް ކޭމްޕެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވައިޓަލް ކެއާއިން ބުނީ، މި ދެ ރަށުގެ ޞިއްޙީ މަރުކަޒުތަކާއި ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕުތަކުގައި ޖުމްލަ 200 އަށްވުރެ ގިނަ ބަލި މީހުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފަރާތުން ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި މި ކޭމްޕުގައި ދީފައިވާ ޚިދުމަތްތަކުގެ ތެރޭގައި ދަތުގެ ބަލިތައް، ކަންފަތް، ނޭފަތް އަދި ކަރުގެ ބަލިތައް (ENT)، އެތެރެހަށީގެ ބަލިތައް އަދި ކުޑަކުދިންގެ ބަލިތަކާ ގުޅޭ ޚާއްޞަ ފަރުވާތައް ހިމެނެއެވެ.

މީގެ އިތުރުން ބަލިވެގެން ބޭރަށް ނުނިކުމެވޭ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ގޭގެއަށް ޒިޔާރަތްކޮށް ޚިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ. ވައިޓަލް ކެއާއިން ބުނީ، މި އިސްނެގުމުގެ މައިގަނޑު މަޤްސަދަކީ ރަށްރަށުގެ މުޖުތަމައުތަކަށް ސްޕެޝަލިސްޓް ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

ވައިޓަލް ކެއާގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން މީގެ ކުރިންވެސް ވަނީ ކ. ހުރާ، ކ. ގުރައިދޫ އަދި ތ. ތިމަރަފުށީގައި ކާމިޔާބު މެޑިކަލް ކޭމްޕުތަކެއް ބާއްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ރަށްތަކަށް މި ޚިދުމަތް ފުޅާކުރުމަށް ރާވާފައިވާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި ކޭމްޕުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި، ކައުންސިލްތަކުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ވައިޓަލް ކެއާގެ ފަރާތުން ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.