އެއްވެސް ދަޢުވާއެއްނުކޮށް، ޔަހޫދީންގެ ޖަލެއްގައި ބަންދުކޮށްފައިވާ، ފަލަސްޠީނުގެ ޣައްޒާގެ މައި ހަސްފަތާލުގެ އިސް ވެރިޔާގެ ހާލުކޮޅު ސީރިއަސްވެ، ފުރާނައަށް ނުރައްކާވާ ހާލަތަށް ގޮސްފައިވާކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ބައެއް ޖަމްޢިއްޔާތަކުން ބުނެފިއެވެ.
ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދުވާނީ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ޙުސާމް އަބޫ ޞަފިޔާ ހައްޔަރުކޮށް، ޖަލުގައި ބަންދުކުރިތާ މިހާރު 555 ދުވަސް ވަނީ ވެފައެވެ.
ޑރ. އަބޫ ޞަފިޔާގެ ދަރިކަލުން މީސްމީޑިޔާގައި ޢާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، އޭނާ ބައްޕާފުޅަށް ޖަލުގައި ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ހަށިކޮޅުގައި ފެންނަން އެބަހުރި ކަމަށެވެ.
ޑރ. އަބޫ ޞަފިޔާގެ ޤާނޫނީ ވަކީލާ ޙަވާލާދެއްވައި އޭނާ އިތުރަށް ވިދާޅުވީ، މީގެ ދުވަސްކޮޅެއް ކުރިން ޔަހޫދީން ވަނީ ބައްޕާފުޅު އެކަހެރިކޮށް، އެހެން ޤައިދީންނާ ވަކި ގޮޅިއަކަށް ބަދަލުކޮށްފައެވެ. އަދި އެތަނުގައި ބައްޕާފުޅަށް ޔަހޫދީން އަނިޔާކުރުމުގެ ސަބަބުން، މިހާރު ނޭވާލުމަށް އުނދަގޫވެ، ވާހަކަ ވެސް ނުދެއްކެވޭ ވަރަށް ޙާލުކޮޅު ގޯސްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ އުތުރުގައި ހުރި ސިއްޙީ ފަރުވާދޭ މަރުކަޒުތައް ސުންނާފަތިކޮށްލުމުގެ ބޭނުމުގައި ޔަހޫދީން ދިން ނިރުބަވެރި ޙަމަލާތަކަށްފަހު، ޑރ. އަބޫ ޞަފިޔާ، ހަސްފަތާލުގައި އިންނަވަނިކޮށް ހައްޔަރުކޮށްގެން ގެންދިޔައީ 2024ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ. އޭގެފަހުން އޭނާގެ މައްޗަށް އެއްވެސް ދަޢުވާއެއް ކޮށްފައެއް ނުވެއެވެ.
ޑރ. އަބޫ ޞަފިޔާގެ ޤާނޫނީ ވަކީލާ ޙަވާލާދީ، އިންސާނީ ޙައްގުތަކަށް މަސައްކަތް ކުރާ ޖަމްޢިއްޔާއަކުން ބުނީ، އޭނާގެ ހަށިކޮޅުގެ އެކި ތަންތަނުގައި އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން އެބަހުރި ކަމަށެވެ. އަދި ވީއެންމެ އަވަހަކަށް ފަރުވާނުދެވިއްޖެނަމަ، އޭނާގެ ފުރާނައަށް ނުރައްކާވާ ޙާލަތަށް ސިއްޙީ ހާލުކޮޅު މިހާރު ގޯސްވެފައިވާކަމަށް އެ ޖަމްޢިއްޔާއިން ވެސް ބުނެފައިވެއެވެ.
ޑރ. އަބޫ ޞަފިޔާ އާއެކު، ޣައްޒާގައި މަސައްކަތްކުރާ 14 ޑޮކްޓަރުން ޔަހޫދީން ވަނީ ޖަލުގައި ބަންދުކޮށްފައެވެ. އޭގެތެރެއިން އެއްވެސް މީހަކަށް އަދި މިހާތަނަށް ދަޢުވާއެއް ކޮށްފައެއް ނުވެއެވެ.