ޚަބަރު

ފުންފަޅުގޭގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި


  • އަލިފާން ރޯވެފައިވަނީ 5ވަނަ ފަންގިފިލާގައި

މާލޭގެ ލޮނުޒިޔާރަތްމަގުގައި ހުންނަ ގ. ފުންފަޅުގޭގެ ފަސްވަނަ ފަންގިފިލާގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މިރޭ ހިނގި އަލިފާނުގެ ހާދިސާ، ސިފައިންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިހާރު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 22:49 ހާއިރު ކަމަށެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާއާ ގުޅިގެން ބައެއް މީހުންނަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތާއި، ޖެހިގެން ހުރި އިމާރާތުގެ ބައެއް ފަންިފިލާތަކުން މީހުން ވަނީ ހުސްކޮށްފައެވެ. އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓާއި ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ދަނީ ކުރަމުންނެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއިން ވިދާޅުވީ، މި ހާދިސާއާ ގުޅިގެން އެހީތެރިކަން ބޭނުންވާ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އަލިފާން ރޯވާން ދިމާވި ސަބަބު ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.