ގ. ފުންފަޅުގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން 21 ފަރާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާލޭގެ ލޮނުޒިޔާރަތްމަގުގައި ހުންނަ ގ. ފުންފަޅުގޭގެ ފަސްވަނަ ފަންގިފިލާގައެވެ.
އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރު ކުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގަލޮޅު މަދަރުސާގައި މިހާރު ވަނީ ވަގުތީ އިވޭކުއޭޝަން ސެންޓަރެއް ޤާއިމްކޮށްފައެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 18 މީހަކު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމަށެވެ. އަދި ތުއްތު ކުއްޖަކާއި އިތުރު ދެ މީހަކަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އެންޑީއެމްއޭއިން ވިދާޅުވީ، މި ސެންޓަރު މެދުވެރިކޮށް އެ އޮތޯރިޓީއާއި، ދިވެހި ރެޑް ކްރެސެންޓް އަދި ފުލުހުން ގުޅިގެން ހާދިސާގައި އަސަރުކުރި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދާ ކަމަށެވެ. އަދި އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅޭ ހުރިހާ މުއައްސަސާތަކާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 22:49 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. ސިފައިންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ބައެއް މީހުންނަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތާއި ކައިރީގައި ހުރި ގެތަކުންވެސް މީހުން ވަނީ ހުސްކޮށްފައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.