ޚަބަރު

ބްރެޒިލްގެ މައްޗަށް ނޯވޭއިން ހޯދި މޮޅާއިއެކު ކުޅުންތެރިންނަށް ތަޢުރީފް


  • މެޗުން ނޯވޭ މޮޅުވީ 1-2އިން

  • ނޯވޭގެ ދެ ލަނޑު ވެސް ޖެހީ ހާލަންޑް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު 16 ޓީމުގެ ބުރުގައި މި މުބާރާތް 5 ފަހަރަށް ކާމިޔާބު ކޮށްފައިވާ ބްރެޒިލްއާ ބައްދަލުކޮށް ނޯވޭއިން ހޯދި ކާމިޔާބީ އާއިއެކު އެޓީމަށް ކޯޗު ސްޓާލް ސޮލްބަކެން ތައުރީފް ކޮށްފިއެވެ.

ކޯޗް ސޮލްބަކެން އޭނާގެ ކުޅުންތެރިންނަށް ތައުރީފްކޮށް ވާހަކަ ދައްކާފައިވަނީ ނިއުޔޯކް ނިއުޖަރޒީ ސްޓޭޑިއަމްގައި 80 ހާހަށްވުރެ ގިނަ ކުޅިބެލުންތެރިން ކުރިމަތީ ބްރެޒިލްގެ މައްޗަށް ހޯދި ތާރީހީ ކާމިޔާބީއަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.

ސޮލްބަކެން ބުނީ ނޯވޭގެ ތާރީހްގައި ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގެ ޖާގައެއް ފުރަތަމަ ފަހަރަށް ހޯދި މިކާމިިޔާބީ އަންނަނީ ނޯވޭގެ ޓީމުގެ އިތުރުން މުޅި ނޯވޭގައި ފާހަގަކޮށް އުފާފާޅު ކުރަމުން ކަމަށެވެ. އަދި މިއީ ނޯވޭގެ ސަޕޯޓަރުންނަށް ވަރަށް ފާހަގަ ކޮށްލެވޭ ވޯލްޑް ކަޕެއް ކަމަށް އޭނާ ބުންޏެވެ.

މެކްސިކޯ އާއި އިންގަލަންޑް ބައްދަލުކުރި މެޗުގެ ކުރިން ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޯވޭގެ ކޯޗު ބުނީ ކުއާޓަރ ފައިނަލްގައި ކޮންމެ ޓީމަކާ ޖެހުނު ނަމަވެސް އޭނާއަށް މައްސަލަ އެއް ނެތް ކަމަށާއި އެ މެޗުގައިވެސް ނޯވޭއިން ކާމިޔާބު ހޯދާކަމަށްވާނަމަ ޖެހޭނީ އެޓީމުގެ އެންމެ މޮޅު ކުޅުން ދައްކަން ކަމަށް ކޯޗު ބުންޏެވެ.

މީގެއިތުރުން ސޮލްބަކެން ވަނީ އެމެރިކާގެ ފޯވަޑް ފަލޮރިން ބެލޮގުންއަށް ދެއްކި ރަތް ކާޑު ފީފާއިން ސަސްޕެންޑް ކުރި ކުރުމަކީ ފީފާއިން ހެދި ގޯހެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އޭނާ ބުނީ އެމެޗުގައި ވީއޭއާރުން ބެލުމަށްފަހު ބެލޮގުންއަށް ރަތް ކާޑު ވަނީ ދައްކާފަ ކަމަށާއި އެއާއެކު އޭނާއަށް އެއް މެޗުގެ ސަސްޕެންޝަން އަންނަން ވާނެ ކަމަށެވެ. އަދި ފީފާއިން ބެލޮގުންއަށް ކުޅެވޭގޮތް ހެދުމުން ބެލްޖިއަމް އިން ހިތްހަމަ ނުޖެހޭނެ ކަމަށާއި އެމެޗުގައި އޭނާ ލަނޑެއް ޖަހާ އަދި އެމެރިކާ މޮޅުވެއްޖެނަމަ އެކަމުގެ ބަހުސް އަނެއްކާވެސް ކުރުމުގެ ފުރުސަތު އޮންނާނެކަން އޭނާ ފާހަގަކުރިއެވެ.

އަދި ދެން އުފެދޭ ސުވާލަކީ މި މުބާރާތުގައި ދެން ދައްކާ ރަތް ކާޑަށް ފީފާއިން ކަން ކުރާނީ ކިހިނެތްތޯއެވެ. އެހެން ކަމުން މިއީ ފީފާއިން ނިންމި ވަރަށް ގޯސް ނިންމުމެއް ކަމަށް ނޯވޭގެ ކޯޗު ބުންޏެވެ.

ނޯވޭއަށް މި މެޗުގައި ދެ ލަނޑު ކާމިޔާބު ކޮށްދީ މިމުބާރާތުގައި މިހާތަނަށް 7 ލަނޑު ޖަހާފައިވާ އެޓީމުގެ ފޯވަޑް އާލިންގ ހާލަންޑް މެޗަށްފަހު ބުނީ، މިއީ އޭނާ ހުވަފެނުގައިވެސް ވާނެކަމަށް ހީކުރި ކަންތައްތަކެއް ނޫން ކަމަށެވެ.

ހާލަންޑް ބުނީ ވޯލްޑް ކަޕްގައި ކުޅުމަކީ ކޮންމެ ކުޅުންތެރިޔަކުވެސް ދެކޭނެ ހުވަފެނެއް ކަމަށާއި ނަމަވެސް ވޯލްޑް ކަޕްގައި ކުޅުމުގެ އިތުރުން މިމުބާރާތުގައި 7 ލަނޑު ނޯވޭއަށް ކާމިޔާބު ކޮށްދިނުމަކީ އޭނާ ކުރިން އުންމީދު ކުރި ކަމެއް ނޫން ކަމަށެވެ. އަދި އޭނާއަށް ކުރެވޭ އިހްސާސްތައް ބުނެދޭންވެސް ނޭނގޭ ކަމަށް ހާލަންޑް ބުންޏެވެ.