ޚަބަރު

ކަމަދޫ ސްކޫލް އިމާރާތުގެ މަސައްކަތް އަންނަ ޓާމުތެރޭ ނިންމަނީ


  • އިމާރާތުގެ ސްޓްރަކްޗުރަލް ކުރެހުން ވަނީ ނިމިފައި

  • ސްކޫލުގެ މަސައްކަތް އަންނަ ޓާމު ކުރީކޮޅު ފަށާނެ

ބ. ކަމަދޫ ސްކޫލް އިމާރާތުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މި އަހަރުގެ ދެވަނަ ޓާމުގެ ތެރޭގައި ނިމޭނެ ކަމަށް ތަޢުލީމާއި، މަތީތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ސުވާލުކުރައްވާފައިވަނީ، ކަމަދޫގައި އިމާރާތްކުރުމަށް ވައުދުވެފައިވާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް މިހާތަނަށް އެއްވެސް ވަރަކަށް ކުރިއަށް ނުދާ ސަބަބަކީ ކޮބާތޯއާއި މި ދައުރުގައި މި ސްކޫލްގެ މަސައްކަތް ނިންމާ ދަރިވަރުންނަށް ބޭނުންކުރެވޭނެ ތާރީޚަކީ ކޮބާތޯ ސާފުކުރުމަށެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. ޝަފީއު ވިދާޅުވީ، އެ މަޝްރޫޢުގެ ޕްލޭނިން މަރުހަލާ ނިމި، އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށެވެ. މި އަހަރުގެ ދެވަނަ ޓާމުގެ ކުރީކޮޅު އެ މަސައްކަތް ފަށާ، އެ ޓާމުގެ ތެރޭގައި މަސައްކަތް ނިންމާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ކަމަދޫ ސްކޫލް އިމާރާތުގެ މަޝްރޫޢަކީ އެމްޑީޕީ ސަރުކާރުގައި ފަށަން ހިމެނި މަޝްރޫޢެއް ނަމަވެސް ވެރިކަން ބަދަލުވި އިރުވެސް އެ މަޝްރޫޢު ކުރިއަށް ގެންދެވޭ ވަރަށް ފައިސާ ބަޖެޓުގައި ހިމަނާފައިނުވާކަން ފާހަގަކުރައްވާފައެވެ.

"2023 ވަނަ އަަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުނުއިރު، އޭރުގެ މަޖިލީހުން އެ މަޝްރޫޢަށް ބޭނުންވާ ފައިސާ އެ އަހަރަށް ބަޖެޓްކޮށްފައި ނުވޭ." ވަޒީރު ޑރ. ޝަފީއު ވިދާޅުވިއެވެ.

ފައިސާ ބަޖެޓްކޮށްފައި ނެތުމުން ކުރިއަށް ނުގެންދެވި ހުރި އެފަދަ އެހެން ޕްރޮޖެކްޓްތައްވެސް ހިމެނޭހެން، 2024 ވަނަ އަހަރު ތަޢުލީމީ ދައިރާގެ ސްޓްރަކްޗަރ ޕްލޭނެއް އެކުލަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެމްޑީޕީ ސަރުކާރުން، ދެ ކްލާސްރޫމް އަދި އޮފީސް އިމާރާތް ހިމެނޭގޮތަށް ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތް މަޝްރޫޢު ފުޅާކޮށް، މި ސަރުކާރުން ވަނީ އެ މަޝްރޫޢު 6 ކްލާސްރޫމާއި އޮފިސް އިމާރާތެއް އެކުލެވޭގޮތަށް ބަދަލުކޮށްފައެވެ. މިބަދަލު ގެނެސްފައި ވަނީ ބެލެނިވެރިންނާއި ސްކޫލުން ބޭނުންވި ގޮތަށް ބަލައިގެންނެވެ.

އެ މަޝްރޫޢަށް ބޭނުންވާ ބިމުގެ ދަތިކަންހުރުމާއެކު، އެ މަޝްރޫޢަށް ލިބިފައިވާ ޖާގައިގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފުމަށް ފަންނީ މީހުންނާއެކު މަސައްކަތްކޮށްގެން ރަނގަޅު ޕްލޭނެއް އެކުލަވާލާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ޑިޒައިންގެ މަސައްކަތާއި، އިމާރާތުގެ އޮނިގަނޑުގެ ކުރެހުންތައް ވެސް ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިމާރާތްކުރުމާގުޅޭ މަަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދެއޭ ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން. އެއީ މި މަސައްކަތްތަކަކީ ސީދާ މަޝްރޫޢާއި ގުޅުން ހުރިކަންކަން މިއީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކަމަދޫ އިމާރާތުގެ މަސައްކަތްތައް ކުރިއަށް ދާގޮތުގެ ތަފްސީލްތައް އެ ސްކޫލާއި ވެސް ހިއްސާކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރުވަނީ މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ބެލެނިވެރިންނާއި ދަރިވަރުންނަށް އެންމެ ބޭނުންވާ ގޮތަށް މަސައްކަތް ކުރިއަށްގެންދަން އިސްކަންދެއްވާކަމަށް ފާހަގަކުރައްވާފައެވެ.