ޕާސްޕޯޓަށް ހުށަހަޅާއިރު އޭއައި ނުވަތަ އެފަދަ އެހެން އާލާތްތައް ބޭނުންކޮށްގެން އެޑިޓުކޮށްފައިވާ ފޮޓޯ ހުށަނޭޅުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސް ކުރައްވައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާސްޕޯޓަށް އެދި ހުށަހަޅާއިރު އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ހުށަހެޅުމަކީ ޕާސްޕޯޓުގެ ފޮޓޯ މިންގަނޑާ ޚިލާފު ކަމެއް ކަމަށެވެ.
ޕާސްޕޯޓަކީ، އެމީހެއްގެ އައިޑެންޓިޓީ ކަށަވަރުކޮށްދޭ މުހިންމު ސެކިއުރިޓީ ޑޮކިއުމެންޓެކެވެ. އެހެންކަމުން ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، އިތުރަށް ސަމާލުވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ސަމާލުކަމަށް! ⚠️
— Maldives Immigration (@ImmigrationMV) July 7, 2026
އޭ.އައި (AI) ނުވަތަ މިފަދަ އާލާތްތައް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯތަކަކީ، ޕާސްޕޯޓުގެ ފޮޓޯ މިންގަނޑާ ޚިލާފު ފޮޓޯތަކެއް ކަމުގައި ދަންނަވަން. pic.twitter.com/WqIsLPR4rT
ޕާސްޕޯޓުގައި ބޭނުންކުރާ ފޮޓޯ އިތުރަށް ރީތި ކުރުމަށާއި، ފޮޓޯއަށް ބަދަލުތައް ގެނައުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުން ވަނީ ފަހަކަށް އައިސް އިތުރުވެފައެވެ.
ރަސްމީ ލިޔެކިޔުންތަކަށް ބޭނުންވާ ފޮޓޯތައް އޭއައި ފަދަ އާލާތްތައް ބޭނުން ކޮށްގެން އެޑިޓު ކުރުމަކީ، ސަލާމަތީ މައްސަލަތައް ދިމާވާނެ ކަމެކެވެ. މީގެސަބަބުން އެ ފޯމެއް ބާތިލުވެ ޕާސްޕޯޓު ލިބުން ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.