ޚަބަރު

ވިމްބަލްޑަންގެ ސެމީ ފައިނަލުން ސިނާ ޖާގަ ހޯދައިފި


  • ސެމީ ފައިނަލުގައި ސިނާ ވާދަކުރާނީ ޖޯކޮވިޗާ

އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުން އެއްވަނައަށް ސީޑު ކުރެވިފައިވާ ޔަނިކް ސިނަރ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން ސިނަރ ޖާގަހޯދާފައިވަނީ ކުއާޓަރ ފައިނަލްގައި ޖަރުމަނުވިލާތުގެ ޔާން ލެނާޑް ޝްޓުރުފް އާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. ނަމަވެސް މިމެޗުގެ ފުރަތަމަ ދެސެޓު ވީ ސިނަރ އަށް އެހާ ފަސޭހަ ދެސެޓަކަށް ނޫނެވެ. މިގޮތުން ފުރަތަމަ ސެޓު ވަރަށް ވާދަވެރި ކުޅުމަކަށްފަހު ސިނަރ އަށް ކާމިޔާބު ކުރެވިފައިވަނީ ހަތެއް ފަހަކުންނެވެ. ދެވަނަ ސެޓުގެ ވާދަވެރިކަން އެއަށްވުރެ އިތުރުވެ ޓައި ބްރޭކަކަށް ގޮސް ސިނަރ ކުރި ހޯދީ ހަތެއް ހަތަރަކުންނެވެ. އަދި ފަހު ސެޓު ސިނަރ ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ދެސެޓާއި އަޅާބަލާއިރު ފަސޭހަ ކަމާއެކު ހައެއް ތިނަކުންނެވެ.

އެންމެ ފަހުން ނިމިގެންދިޔަ ފްރެންޗް އޯޕަންގެ ދެވަނަ ބުރުގައި ހޫނުގެ އަސަރު ކުރުމުގެ ސަބަބުން ސިނަރ ހައިރާން ކުރުވަނިވި ގޮތަކަށް މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް މިމެޗުގައި އޭނާއަށް އެކަމުގެ އަސަރު ކުރިތަނެއް ނުފެނެއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސިނަރ ބުނީ ފްރެންޗް އޯޕަންގެ ނާކާމިޔާބީއަށްފަހު އެކަން އެގޮތަށް ވިޔަ ނުދިނުމަށްޓަކައި މިމުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެވިފައިވާކަމަށެވެ. އަދި މިމެޗުގައި އޭނާ ފިޒިކަލީގޮތުން ހުރީ ވަރަށް ފިޓްކޮށް ކަމަށްވެސް އޭނާ ބުންޏެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގައި ސިނަރ ބައްދަލުކުރާނީ މިމުބާރާތް 7 ފަހަރު ކާމިޔާބު ކޮށްފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗާއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން ހަތްވަނައަށް ސީޑު ކުރެވިފައިވާ ޖޯކޮވިޗް ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ތިންވަނައަށް ސީޑު ކުރެވިފައިވާ ކެނެޑާގެ ފީލިކްސް އައުގަރ އެލިއަސީމް އާއި ބައްދަލުކުރި މެޗު 3 ސެޓު 2 ސެޓުން ކާމިޔާބު ކޮށްގެންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ބާރަ ދިހަޔަކުން ޖޯކޮވިޗް ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އެލިއަސީމް ކާމިޔާބު ކުރީ ތިނެއް ހަޔަކުންނެވެ. އަދި ތިންވަނަ ސެޓު ޖޯކޮވިޗް ހައެއް ތިނަކުން ކާމިޔާބު ކުރިއިރު ހަތަރު ވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތަރެއް ހަތަކުން ކާމިޔާބު ކުރީ އެލިއަސީމްއެވެ. އަދި ފަހު ސެޓު އަނެއްކާވެސް ޓައި ބްރޭކަކަށް ގޮސް ދިހައެއް ހަތަރަކުން ކާމިޔާބު ކުރީ ޖޯކޮވިޗްއެވެ.

މީގެއިތުރުން މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވާއި ތޭރަވަނައަށް ސީޑު ކުރެވިފައިވާ ޗެކިއާގެ ޔީރީ ލެހެޗްކާ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ ޒުވަރޭވްއެވެ. މިކާމިޔާބީއާއެކު މިމުބާރާތުގެ ކުއާޓަރ ފައިނަލްގައި ޒުވަރޭވް ބައްދަލުކުރާނީ ހަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލަރ ފިޓްޒް އާއެވެ.