ރާއްޖޭގައި ހިމަބިހި ކޮންޓްރޯލް ނުކުރެވޭ ހާލަތައް ނުދާކަމަށާއި، ބަލި އިތުރަށް ފެތުނުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދަވާކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ. ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔެކެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސިއްޙަތާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ މޭ މަހުން ފެށިގެން ހިމަބިހި ރާއްޖެއިން ފެންނަމުންދިޔަ ނަމަވެސް ގިނަ ކޭސްތައް ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށެވެ. މި ބައްޔަކީ ހަލުވިކަމާއެކު ގައިން ގަޔަށްއަރާ ބައްޔެ ނަމަވެސް މިވަގުތު މި ބައްޔާއި ގުޅިގެން ރާއްޖޭގައި ކަންބޮޑުވާން ޖެހޭ ހާލަތެއް ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހިމަބިއްސަކީ ވަރަށް ކުރު މުއްދަތެއްގައި އެކަކު ގައިން އަނެކަކު ގަޔަށް އަރާ ބައްޔަކަށްވާތީ އެ ބަލި ފަސޭހަވާން ނަގާ މުއްދަތުވެސް ވަރަށް ކުރުވާނެ. އެހެންކަމުން މި ބައްޔަކީ އަޅުގަނޑުމެންނަށް އާދަޔާ ޚިލާފު ނުވަތަ ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން. އެހެންނަމަވެސް ކޮންމެ ބައްޔަކީ އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާނެ. " ވަޒީރު ޤީލާ ވިދާޅުވިއެވެ.
ވަޒީރު ވަނީ ބަލީގެ ހާލަތުގެ ތަފްސީލްތައް ރައްޔިތުންގެ މަޖިލީހާއި ވަކިން އެކަމަނާ ހިއްސާ ކުރައްވާނެ ކަމަށެެވެ.
ވަޒީރު ޤީލާ ވަނީ މި ބަލި ފެތުރުމުގެ ފުރުސަތު ނިސްބަތް ރާއްޖޭގައި ވެކްސިން ޖަހާފައިވާ އާބާދީއަށް ބަލާއިރު ކުޑަ ކަމަށެވެ. އެގޮތުން އާބާދީ 99 އިންސައްތަ ވެކްސިން ޖަހާފައިވާއިރު، މިކަމުގެ ތެރެއިން ބަލި ހާލަތު ގޯސް ނުވުމާއެކު ފަރުވާ ދިނުމުގައި ލުއިފަސޭހަތެކެއް ހުރި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ބައެއް މެންބަރުން ވަނީ ރާއްޖޭގައި ހިމަބިހީގެ ޓެސްޓު ކިޓުތައް ނެތް ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވަޒީރު ޤީލާ ވިދާޅުވީ، މާލެ ހިމެނޭހެން ރާއްޖޭގެ ސިއްޚީ ޚިދުމަތްދޭ މަރުކަޒުތަކުން ހިމަބިއްސަށް ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި ޓެސްޓު ކިޓުތައް ހުރިހާ މަރުކަޒެއްގައިވެސް ހުރި ކަމަށާއި ބައެއް ފަހަރު ބޭރުން ގެންނަން ޖެހުމުގެ ސަބަބުން ލަސްވި ނަމަވެސް ކިޓުތައް ހުސްނުވާ ކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.
ރާއްޖެއިން ހިމަބިހީގެ ކޭސްއެއް މެއި މަހު ފެނުނު ފަހުން މިހާތަނަށް މިބައްޔަށް 121 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. ގައިންގަޔަށް އަރާ މިބަލި މިދިޔަ ހަފްތާގައި އެކަނިވެސް 55 މީހަކަށްވަނީ ޖެހިފައެވެ. އެޗްޕީއޭއިން ބަލީގެ ކޮންޓެކްޓުން ހޯދާ ޓެސްޓުކުމުގެ މަސައްކަތް ކުރަމުންދާއިރު ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް އަންނަނީ މިހާރު ކުރަމުންނެވެ. އެގޮތުން މިހާތަނަށް 5495 ފަރާތަށް ހިމަބިހީގެ ވެކްސިން ދީފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ހިމަބިހީގެ އަލާމަތްތަކުގެ ތެރެއިން ގައިގައި ރަތް ބިހި ނެގުމާއި، ހުމާއި ރޯގާ ޖެހި ކެއްސާ ލޯރަތްވެ ކަމެއް ދިމާވާނަމަ ވީހާވެސް އަވަހަކަށް ސިއްޙީ އެހީތެރިކަން ހޯދަންޖެހެއެވެ. ހިމަބިހީގެ ނުރައްކާ ކުޑަކުރުމަށް ވެކްސިން މުހިއްމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ބަލި ޖެހިފައިވާ ފަރާތްތަކާއި ބައްދަލުވެފައިވާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް އެނގުމަކީ މުހިއްމުކަމެކެވެ. އަދި ބަލީގެ ނުރައްކާ ހުންނަ ދިފާޢީ ނިޒާމު ބަލިކަށި މީހުން ވެކްސިން ފުރިހަމަ ކުރުމަކީ މުހިއްމުކަމެކެވެ.
ހިމަބިހި އައުޓްބްރޭކާ ގުޅިގެން އަޅާ ފިޔަވަޅެއްގެގޮތުން، އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގައި ޑޮކްޓަރަށް ދެއްކޭނެ ވަކި އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީއެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.