ޚަބަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި


ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއް ހޯދުމަށް، ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި "ފަހިރެސް" ޕޯޓަލް މެދުވެރިކޮށް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވައިލާފައިވާކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އެމަޤާމުގައި ހުންނެވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އެމަގާމުން އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ދެއްވާފައިވަނީ މިދިޔަ އޭޕްރީލް މަހުގައެވެ.

އަމްޖަދު މުސްތަފާގެ ކުރިން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމުގައި 2020ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ހުނެނެވި އަލްއުސްތާޛާ ޢާއިޝަތު ރިޒުނާއެވެ. ޢާއިޝަތު ރިޒުނާ އިސްތިއުފާ ދެއްވީ 2024ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހުއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ މަގާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ގޮތުގައި އަސާސީ ޝަރުތުތަކުގެ އިތުރުން، ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ މަޤާމަށް ހުށައަޅާ ފަރާތަކީ އުމުރުން 60 އަހަރުން ދަށުގެ މީހަކަށް ވާންޖެހެއެވެ. އަދި އިދާރީ ހިންގުމުން ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު، އިދާރީ ހިންގުމުގެ ނުވަތަ ޤާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމަކީ މި މަޤާމަށް ކުރިމަތިލާ މީހެއްގެ ޝަރުތެކެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ މަޤާމުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އަސާސީ މުސާރައެއްގެ ގޮތުގައި 30،000 ރުފިޔާ، އެގްޒެކްޓިވް އެލަވެންސްގެ ގޮތުގައި 27،235 ރުފިޔާ އަދި ފޯނު އެލެވެންސްއެއްގެ ގޮތުގައި 2،000 ރުފިޔާ ލިބިގެންދާނެ ކަމަށް އިއުލާނުގައިވެއެވެ.