ޚަބަރު

މާރާމާރީގެ މައްސަލައެއްގައި ސ.ހިތަދޫއިން ތިން މީހުން ހައްޔަރުކޮށްފި


  • 17 އަހަރުގެ ކުއްޖާގެ ފޮޓޯ ފުލުހުން ހާމަކޮށްފައެއް ނުވޭ

  • 3 މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި

މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ސ. ހިތަދޫން ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 22:00 އެހާކަންހާއިރު ކަމަށެވެ. އަދި މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށްފައިވަނީ، މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ޢަޠީނާ، ޝިޔާޙު މުޙައްމަދު (26އ)އާއި، ސ. ހިތަދޫ / ބޯޅަކިންކިރިމާގެ، މުޙައްމަދު މާހިލް އަޙްމަދު (18އ)ގެ އިތުރުން 17 އަހަރުގެ ކުއްޖެއް ކަމަށެވެ. 17 އަހަރުގެ ކުއްޖާގެ ފޮޓޯ ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 17 އަހަރުގެ ކުއްޖާއާއި، ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ކުރަމުންދަނީ، "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު"ގެ ދަށުން ކަމަށް ފުލުހުން މައުލޫމާތުދެއްވައެެވެ.

މުޖުތަމައުގެ ސަލާމަތާއި އަމާންކަން ގެއްލޭފަދަ އެއްވެސް އަމަލަކަށް ފުލުހުން ޖާގަ ނުދޭނެ ކަމަށާއި، މިފަދަ ކުށްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފުލުހުން ފަސްނުޖެހޭނެކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދެއްވާފަައެވެ.