ޚަބަރު

އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ހައުސިން ޔުނިޓު ތަރައްޤީކުރަނީ


  • އެޗްޑީސީއާއި އައިއޭއެސްއެލްއާ ދެމެދު ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި

  • މިއާއެކު އެކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމަށް އިތުރު ފުރުޞަތުތަކެއް ލިބޭނެ

އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ އައިލޭންޑް އެވިއޭޝަން ސަރވިސަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހެއިރެވެ. މިރަސްމިއްޔާތުގައި ދެކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިންގ ޔުނިޓުތައް ތަރައްޤީ ކުރުމަށް އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެ ދެކުންފުނިންވެސް ހާމަކޮށްފައެއް ނުވެއެވެ.

އައިލޭންޑް އެވިއޭޝަނުން ވިދާޅުވީ، މިމަސައްކަތުގެ ސަބަބުން އެކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

އެކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެކުންފުނިން އައު އިމާރާތުގެ ބިންގާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ އަޅާފައެވެ. މި އޮފީސް އިމާރާތާއެކު މިހާރު އެކި ދިމާތަކުގައި އެކުންފުނިން ޚިދުމަތް ދެމުން އައި އައުން ހުއްޓި އެއްފުރާޅެއްގެ ދަށުން ކުންފުނީގެ ޚިދުމަތްތައް ދެވޭނެ ކަމަށް އައިލޭންޑް އެވިއޭޝަނުން ވިދާޅުވެއެވެ.

އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތް ބިނާކުރުމަށް ޙަވާލުކޮށްފައިވަނީ، ޗައިނާގެ ހުނާން ނަންބަރ 6 އިންޖިނިއަރިންގ ކުންފުންޏާއެވެ. އެކުންފުންޏާއެކު ވި އެއްބަސްވުމުގެ ދަށުން ބިނާކުރާ މި އިމާރާތުގެ ބިމުގެ ބޮޑުމިނަކީ، 4745 އަކަފޫޓެވެ.

މީގެ އިތުރުން، މި އިމާރާތުގައި ބޭސްމެންޓް ހިމެނޭހެން ޖުމްލަ 12 ފަންގިފިލާ ހުންނާނެއެވެ. އަދި އިމާރާތުގެ ބޭސްމެންޓް ޚާއްސަކޮށްފައިވަނީ، މުވައްޒަފުންގެ ޕާކިންގއަށް ކަމަށާއި، ފުރަތަމަ ފަންގިފިލާގައި ޓިކެޓް އޮފީހެއް ޤާއިމްކުރެވޭނެ ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދެއްވައެވެ.