އެމްއާރު ވެކްސިން ދިނުމުގެ ޕްރޮގުރާމުގެ ތިންވަނަ ފޭސްގެ ދަށުން 49 އަހަރުން ދަށުގެ ދެ ޑޯޒް ފުރިހަމަވެފައި ނުވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ފަށައިފިއެވެ.
ބަލީގެ އެންމެފަހުގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރު ހިމަބިހީގެ 121 ކޭސް ވަނީ ފެނިފައެވެ. ވޭތުވެދިޔަ ހަފުތާގައި 55 ކޭސް ފެނިފައިވެއެވެ.
ހިމަބިހިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އާންމުންނަށް ހުޅުވާލައިގެން ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ފަށާފައިވާއިރު މިހާރު ވަނީ 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދީ ނިންމައިފައެވެ. މި ޕްރޮގްރާމުގެ ތިންވަނަ ފޭސްގެ ދަށުން 49 އަހަރުން ދަށުގެ ދެ ޑޯޒް ފުރިހަމަވެފައި ނުވާ ފަރާތްތަކަށް ވެކްސިން ދިނުމަށް ވަނީ ހުޅުވާލާފައެވެ.
މި އުމުރު ފުރާއަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ 07 ޖުލައި އިން 30 ޖުލައިގެ ނިޔަލަށެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ނަމަވެސް އައުޓްބްރޭކެއް އައުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދަނީ އެކަމަށް ފިޔަވަޅު އަޅަމުންނެވެ.
މާލޭގައި ވެކްސިންދޭ ތަންތަނާއި ގަޑިތައް އެޗްޕީއޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ އާންމުކޮށްފައެވެ. އަތޮޅުތަކުގައި ހުންނަ މަރުކަޒުތަކުން ޚިދުމަތް ދޭ ގަޑިތައް އެ މަރުކަޒަކުން ވަކިން އިޢުލާނުކުރާނެއެވެ.
އެމްއާރު ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތިންވަނަ ފޭސްގެ ދަށުން 49 އަހަރުން ދަށުގެ ވެކްސިން ދެ ޑޯޒް ފުރިހަމަވެފައި ނުވާ ފަރާތްތަކަށް ވެކްސިން ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި.
— Health Protection Agency (@HPA_MV) July 8, 2026
ވެކްސިން ދެ ޑޯޒް ފުރިހަމަވެފައި ނުވާ ފަރާތަކުން ވެކްސިން ޖެހުމަށް އެންމެ ކައިރި އެމްއާރު… pic.twitter.com/ZbPhb55dG8
ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް 220 ކޮންޓެކްޓުންނަށްވަނީ ވެކްސިން ދީފައެވެ.
މާލޭ ސަރަޙައްދުގައި އެމްއާރު ވެކްސިންދޭ މަރުކަޒުތައް:
1. ޔޫޕީއެޗްސީސީ
2. ހުޅުމާލެ ހޮސްޕިތަލް
3. ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް
4. ވިލިމާލެ ހޮސްޕިޓަލް
5. އޭޑީކޭ ހޮސްޕިޓަލް
6. ޓްރީޓޮޕް ހޮސްޕިޓަލް
ފުރަންޓްލައިންގައި މަސައްކަތް ކުރައްވާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 1537 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.
ހިމަބިހީގެ އައުޓްބްރޭކާ ގުޅިގެން ޞިއްޙީ ޚިދުމަތްތެރިން ހޭލުންތެރިކުރުމާއި ތަމްރީން ސެޝަންތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ސަވައިލަންސް މަސައްކަތްތައްވެސް ހަރުދަނާކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭއީން ދަނީ މި ބައްޔާމެދު އާންމުން ހޭލުންތެރިކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކުރައްވާ ޞިއްޙީ ފަރުވާ ހޯދައްވާ، އަދި ފަރުވާ ހޯދަން ވަޑައިގަންނަވާއިރު މާސްކު އެޅުއްވުމަށް އެޗްޕީއޭއީން އިލްތިމާސްކުރައްވައެވެ. އަދި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރެއްވުމަށް އެޗްޕީއޭއީން ވިދާޅުވެއެވެ. މީގެއިތުރުން ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ވަޑައިނުގަތުމަށް އެޗްޕީއޭއީން އިލްތިމާސްކުރައްވައެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުމަށް އެންމެ ކައިރި އެމްއާރު ވެކްސިންދޭ މަރުކަޒަކަށް ވަޑައިގަތުމަށް އެޗަޕީއޭއިން އިލްތިމާސްކުރައްވައެވެ.