ޚަބަރު

ރާއްޖޭގެ ހިސާބު ޢިލްމުގެ ތާރީޚް ފޮތް ނެރެދެއްވައިފި


  • ފޮތް ނެރެެއްދެވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

  • ފޮތް ލިޔުއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ޝެހެނާޒް

  • ހިސާބު ޢިލްމާއި ތާރީޚާއި ސަޤާފަތުގެ ޢިލްމީ އެތައް މަޢުލޫމާތެއް ހިމަނޭ

ދިވެހިރާއްޖޭގައި ހިސާބު ޢިލްމު ފުޅާވެ ކުރިއަރައިގެންދިޔަގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ "މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް" ފޮތް ނެރެދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ލިޔުއްވާފައިވާ މި ފޮތް ނެރެދެއްވީ އެކަމަށްޓަކާ އެމްއެންޔޫގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި ފޮތާއި ގުޅޭގޮތުން ވާހާކަދައްކަވަމުން ފޮތުގެ މުސައްނިފް، ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް ވަނީ ފޮތުގައި ހިމެނޭ މައުލޫމާތު ހޯއްދެވުމަށް ކުރެއްވި މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. ރާއްޖޭގެ އާއްމުންގެ ދިރިއުޅުމާއި، ހިސާބާއި ގުޅުވާދޭ ގޮތް ދެނެގަތުމަށް ކުރި ދިރާސާގެ މަރުހަލާ ކުރިއަށްދިޔައިރު، ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކުރައްވައިގެން މައުލޫމާތު ހޯދެއްވުމުގެ އިތުރުން، ތާރީޚީ ޢިލްމުވެރިންނާއި، ބަހުގެ ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅުންނާއި އިންޓަރވިއުކޮށްގެން މައުލޫމާތު އެއްކުރައްވާފައިވާކަން ޑރ. ޝެހެނާޒް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ތަފާތު ހަޟާރަތްތަކުގެ ސަބަބުން ރާއްޖޭގައި ހިސާބުގެ ކުރިއެރުމަށް ކުރި އަސަރުތައް ދެނެގަތުމަށް މަސައްކަތްކުރައްވާފައިވާނެކަމަށްވެސް ޑރ. ޝެހެނާޒް ވިދާޅުވިއެވެ. ދިވެހިންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާއި ހިސާބުގެ ޢިލްމާއި ތަރިކައާއި، ތާރީޚާއި ގުޅިފައިވާއިރު، އާއްމު ދިރިއުޅުމާއި ހިސާބާއި ގުޅުވާލުމަކީ އެ ދާއިރާއިން އުނގެނުން ޝައުގުވެރިކޮށްދޭކަމެއް ކަމަށް ޑރ. ޝެހެނާޒް ވިދާޅުވިއެވެ. ޑރ. ޝެހެނާޒް ވިދާޅުވީ އެތުނޯމެތަމެޓިކަލް މަންހަޖެއް އުފެދުނީ އެ ސަބަބާއި ހުރެކަމަށެވެ.

"ދަސްކުރުމުގެ ޝައުގުވެރިކަން ބޮޑަށް އުފެދެނީ އެނގެންހުރި ކަންކަމުން އުނގަންނައިދިނުން ފެށުމުން. މި ދިރާސާތައް ފުރިހަމަކުރިތާ ދުވަސްވީނަމަވެސް މި މައުލޫމާތުތައް ފޮތަކަށްވުމަކީ އަޅުގަނޑު ކުރި އުއްމީދެއް." ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

ޑރ. ޝެހެނާޒް ލިޔުއްވާފައިވާ ފޮތުގެ ފުރިހަމަ ނަމަކީ "މެތަމެޓިކަލް ތިންކިން އިން ދަ މޯލްޑިވްސް - އެތުނޯމެތަމެޓިކްސް، ކަލްޗުރަލް ހެރިޓޭޗް އެންޑް ކަރިކިއުލަމް އިންޓަގްރޭޝަން"އެވެ. "މެތަމެޓިކަލް ތިންކިން" އަކީ ވިސްނުމާއި، ކަންކަން ދެނެގަތުމުގައި ހިސާބުގެ ބޭނުންކުރާ ގޮތެވެ. "އެތްނޯމެނެތަމެޓިކްސް" އަކީ ތަފާތު ސަޤާފަތްތަކާއި، ހިސާބާއި ގުޅުވާދޭ ގޮތެވެ. "ކަލްޗުރަލް ހެރިޓޭޖް" އަކީ ސަޤާފަތާއި ތަރިކައެވެ.

މި ފޮތަކީ ހިސާބު ޢިލްމާއި، ދިވެހި ސަގާފަތާއި އަދި ތަޢުލީމީ ދާއިރާގެ ގުޅުންތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ނެރެވޭ ފުރަތަމަ ޢިލްމީ މަސައްކަތެވެ. ފުޅާ ދާއިރާއެއްގައި ކުރެވުނު ދިރާސާތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފޮތުން، ދިވެހިންގެ މަސްވެރިކަމާއި، ނިޔަމިކަމާއި، ވަޑާންކަމުގެ އިތުރުން ކަސަބު ފަދަ އަތްތެރި މަސައްކަތްތަކާއި ދަނޑުވެރިކަމުގެ ތެރޭގައި ހިސާބު ޢިލްމު ބޭނުންކުރެވެމުން އައިސްފައިވާ ފާހަގަކުރެވޭ މިންވަރު ވަރަށް ފުރިހަމައަށް ހާމަކޮށްދެއެވެ.

ރާއްޖޭގައި "މެތަމެޓިކަލް ތިންކިން" ނުވަތަ ހިސާބުގެ ހަމަތަކުން ވިސްނުން ދައްކުވައިދޭ ކަންކަމުގެ ތެރޭގައި ކަނޑުދަތުރުފަތުރުކުރުމުގައި މިސްރާބު ދެނެގަތުން ފަދަ ކަންކަން ހިމެނެއެވެ. އެފޮތުގެ ޒަރީއާއިން، ހިސާބުގެ މުހިންމުކަމާއި، ކަންކަން ދެނެގަނެ، ރާވާ ހިންގުން ފަދަ ކަންކަމުގައި ވެސް ހިސާބު އެކުލެވިގެންވާ ގޮތް ހާމަވެގެންދެއެވެ. އެހެންކަމުން މި ފޮތުގެ ސަބަބުން ހިސާބުގެ ދާއިރާއަށް އޮތް ޝައުގުވެރިކަން އިތުރުވެ، އެ ދާއިރާގެ މައުލޫމާތު މުއްސަނދިވުމަކީ ޑރ. ޝެހެނާޒްގެ އުއްމީދެކެވެ.