މާލެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓެއްގެ މަސައްކަތެވެ. އެއީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދެވެ.
މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، ކަމާބެހޭ ފަރާތްތަކުން ވަނީ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފައެވެ.
މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ވަނީ ތާރު އެޅުމުގެ މަސައްކަތް ފަށާފައެވެ. ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް އޮންނަ ސަރަޙައްދުގައި މިހާރު ތާރު އަޅާފައިވާއިރު، ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ސަރަޙައްދުގައި މަގުން ބޭރަށް ބައެއް ހިއްކާ ބޮޑު ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އެތަނުގައި 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.
އެމްޓީސީސީން މަސައްކަތް ކުރައްވަނީ، މިމަހުގެ 26އަށް މުޅި މަޝްރޫޢުގެ މަސައްކަތްތައް ނިންމާ މަގު އާންމުންނަށް ހުޅުވާލުމަށެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ނިމުމާއެކު މާލޭގެ ޓްރެފިކް މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.