ޚަބަރު

އިޚްތިރާމް ކުރުން އަށަގެންނެވުމަށް ޤައުމީ ކެމްޕެއިނެއް ފަށަނީ


  • ކެމްޕެއިންގެ މަޝްވަރާތަކާއި ތައްޔާރީތައް ދަނީ ކުރަމުން

  • އެންމެންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާނެ ކެމްޕެއިނެއް

ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދަ އިޚުތިރާމް ކުރުން އަށަގެންނެވުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިފަދަ ކެމްޕެއިނެއް ފެެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް ދެއްވާ އިސްކަމުގެ ތެރެއިންނެވެ.

މި ކެމްޕެއިނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރު އައުމާ ހަމައަށް ދިވެހިންގެ އައިޑެންޓެންޓިޓީ ގެއްލުމަކާ ހަމައަށް އައިސްފައިއޮތްކަަމަށެވެ. ނަމަވެސް މިސަރުކާރުން އެކަމަށް އިސްކަންދެއްވާ ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަން ދީގެން މަސައްކަތްތަކެއް ފެށިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތާރީޚް ދިރާސާކޮށް ސަޤާފީކަންކަން އާލާކުރުމަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެދާރައިތާކުން ޚިިދުމަތް ކުރައްވާފައިވާ އިސްރަށްވެހިންގެ އެއްބާރުލުން ބޭނުންވާކަމަށާއި މިހާރުވެސް އެމީހުންގެ އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ މިފަދަ ހުރިހާ ކަމަކާ ގުޅިފައިވާ އެއްކަމަކީ އިޚުތިރާމް އަދާކުރުންކަމަށާއި ނަމަވެސް ރާއްޖެއަށް ސިޔާސީ އޮއެވަރު އައި ހިސާބުން ފެށިގެން އިޚުތިރާމް އަދާކުރުމުގެ ބައި ގެއްލިފައިވާކަމަށެވެ.

"ކުރިން ވިއްޔާ އަވައްޓެރިންނަށްވެސް އިޚުތިރާމް ކުރާނެ. އަމުދުުން ބޮޑެތި މީހުންނަށް އިޚުތިރާމް ކުރާނެ. އެއްބަޔަކު އަނެއްބަޔަކު މެދު އަޚުލާޤީ މިންގަނޑު ހިފަހައްޓާނެ. ނަމަވެސް ސިޔާސީ އޮއެވަރު ވަރުގަދަވަމުން އައިސް މޫލަމުން ދިޔަ ވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި އިޚުތިރާމް އަދާކުރުން މިއޮތީ ނެތިގެން ގޮއްސަ. ނަމަވެސް އަޅުގަނޑުމެންގެ އައިޑެންޓިޓީގައި ވަަރަށް ބޮޑު ސިފައެއް އެއީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ތެރޭގައި އޮތް ރީތި އާދަ އަލުން އަށަގަތުމަށްޓަކައި ޤައުމީ ބޮޑު ކެމްޕެއިނެއް ފަށަން ނިންމަވާފައިވާކަމަށެވެ. އެއީ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކެމްޕެއިން ކުރިއަށްގެންދާނީ އެންމެނަށްވެސް ބައިވެރިވެވޭ ގޮތަށްކަމަށެވެ.

މި ކެމްޕެއިން ކުރިއަށްގެންދިޔުގެ މަޝްވަރާތަކާއި ތައްޔާރީތައް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ މި ކެމްޕެއިންގައި ހުރިހާ މުއައްސަސާތަކާއި ޖަމްޢިއްޔާތަކުންވެސް ބައިވެރިވާނެކަން ފާހަގަކުރައްވާފައެވެ.

"އާދައިގެ ކަމެއްގެ ގޮތުގައި ސިފަވެދާނެ. ނަމަވެސް މިއީ ބޮޑު މައްސަލެއް. އަޅުގަނޑުމެންގެ އައިޑެންޓިޓީ ހިމާޔަތްކުރާނަމަ އެބަޖެހޭ އަލުން އިޚުތިރާމް އަދާކުރާ ބަޔަކަށްވާން. އެންމެން މިކަމުގައި ޒިންމާ އަދާކުރަންޖެހޭނެ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީގޮތުން އުފެއްދުނު އޮއެވަރެއްގެ ތެރެއިން އެކަން ގެއްލިފައިވުމުން، ސިޔާސީގޮތުން އިސްކޮށްއުޅޭ ފަރާތްތަކުންނާއި، ސިޔާސީ ފަރާތްތަކުން މިކަމުގައި އުޅެންވާނެކަމަށެވެ. އަދި ސިޔާސީ ވުމުގެ މާނައަކީ އިޚުތިރާމް އަދާކުރުން ހުއްޓާލުން ނޫންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އިސްކަންދެނީ ދެންވެސް ހުރި ޤައުމިއްތަތުގެ ބަހާތަކަށް ސަމާލުކަންދީގެން މަސައްކަތްކުރުމަށްކަމަށެވެ. ޚާއްސަކޮށް މިހާރު ކުރިއަށްގެންދާ ދިވެހި ސަޤާފަތް ދިރުވާ އާލާކުރުމާއި ބަސް އާލާކުރުމުގެ މަޝްރޫތަކުގެ އިތުުރުން އަޅާނުލާ ދޫކޯށްފައި ހުރި ކަންކަމަށް އިސްކާންދީގެން ވަށާޖެހޭ މަސައްކަތްތައްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.