ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ސްޕެޝަލައިޒްވި ފުރަތަމަ ދިވެހި ޑޮކްޓަރ، ޑރ. ޑރ. އާމިނަތު ފަޒުނާ ނިޔާވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކފާނު ތަޢުޒިއްޔާ ވިދާޅުވެފައިވަނީ މީސްމިޑިއާގަިއ ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު އާމިނަތު ފަޒުނާ ނިޔާވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ހުރިހާ މުވައްޒަފުންނަށް އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރްޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓުވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
— Dr Mohamed Muizzu (@MMuizzu) July 9, 2026
ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު އާމިނަތު ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި، ދަރުމަވަންތަ… pic.twitter.com/6fLIemyCfr
މައުލޫމާތު ލިބިފައިވާ ގޮތުގައި ގދ. ގައްދޫ ކަށިކެޔޮމާގެ އުމުރުން 47 އަހަރުގެ ޑރ. އާމިނަތު ފަޒުނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ޑރ. ފަޒުނާ ވަނީ މެލޭޝިއާގެ ނެޝަނަލް ޔުނިވަރސިޓީންނާއި އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާއިން ތައުލީމާއި ތަމްރީން ހާސިލުކުރައްވާފައެވެ.
އޭނާ ކިޔަވާ ވިދާޅުވުމަށްފަހު ޑިވެލޮޕްމަންޓަލް ޕީޑިއެޓްރީޝަނެއްގެ ގޮތުގައި އެނބުރި ރާއްޖެ ވަޑައިގެން، އައިޖީއެމްއެޗުގައި ބަލި މީހުން ބައްލަވަން ފެއްޓެވިކަން އެ ހޮސްޕިޓަލުން އިއުލާންކުރީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
އޯޓިޒަމްއާއި އޭޑީއެޗްޑީއާއި އުނގެނުމުގެ އުނދަގޫތައް ހުންނަ ކުދިންނަށް ދެނެގަތުމަށް އެސެސްމެންޓްތައް ހެއްދެވުމުގައި ޑރ. ފަޒްނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ޑރ. ފަޒުނާ ނިޔާވުމުގެ ހިތާމައިގައި، ޞިއްޙީ ދާއިރާގެ މީހުންނާއި، އޭނާ ފަރުވާ ދެއްވި ކުދިންގެ އާއިލާގެ މެންބަރުން ދަނީ ތަޢުޒިޔާ ކިޔަމުންނެވެ.