ހަކުރު ބައްޔަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް، ހަކުރުބަލީގެ ސްކްރީނިން ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ. މިއަދު ހަވީރު ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިޔަ މި ހަރަކާތަށް އާންމުންގެ ފަރާތުންވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.
ހަވީރު 4އިން 6އަށް ކުރިއަށްގެންދިޔަ ހަރުކުބަލި ސްކްރީނިން ހަރަކާތަކީ، ހަކުރު ބައްޔަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ހަކުރު ބައްޔާއިގުޅޭ މަޢުލޫމާތު ދިނުމަށް އައިޖީއެމްއެޗްގެ ނޭޝަނަލް ޑައިބެޓިކް ސެންޓަރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން އިސްކޮޅު، ބަރުދަން އަދި ބީއެމްއައި ބެލުމުގެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. އަދި ލޭގެ ޕްރެޝަރާއި، ހަކުރު ޗެކްކުރުމުގެ އިތުރުން، ކާނާއާއި ބެހޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
ހަކުރު ބައްޔާއި ގުޅޭގޮތުން ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދު ހޯދުމުގެ ފުރުޞަތުވެސް މި ހަރަކާތުގެ ތެރެއިން ފަހިކޮށްދީފައިވާއިރު ކުޑަކުދިންނަށް ޚާއްސަކޮށްގެންވެސް ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނޭޝަނަލް ޑައިބެޓިކް ސެންޓަރުގެ ސީނިއަރ ކޮންސަލްޓަންޓް އިން މެޑިސިން ޑރ. މޫސާ މުރާދު ވިދާޅުވީ، މި ހަރަކާތަކީ ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށެވެ. ކުރިއަށްއޮތްތަނުގައި އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ އަމާޒެއްކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
"ސްކްރީނިން ޕްރޮގްރާމެއްގެ ގޮތުގައި އަޅުގަނޑުމެން މި ޕްރޮގްރާމް ކުރިއަށްމިގެންދަނީ. މިތަނުން ސްކްރީންވާ ބަލިމީހުންނަށާއި، މިހާރުވެސް ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ޞިއްޙީ މަޢުލޫމާތު ދިނުމާއެކީގައި. މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ އަޅުގަނޑުމެންގެ އަމާޒެއް." ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.
ނޭޝަނަލް ޑައިބެޓިކް ސެންޓަރަކީ ހަކުރު ބައްޔަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ހަކުރުބަލި ރާއްޖޭގައި ހުރި ނެތްވަރު ބަލާ، ހަކުރު ބަލި ހުންނަ މީހުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދޭ ސެންޓަރެކެވެ.