ޚަބަރު

ޖެހިޖެހިގެން ދެމެޗުގައި މިހެން ލަނޑު ޖެހޭނެކަމަށް ދުވަހަކުވެސް ހިއެއް ނުކުރަން: މެރީނޯ


  • ސްޕެއިން މިމެޗު ކާމިޔާބު ކުރީ 2 ލަނޑު އެއް ލަނޑުން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖެހިޖެހިގެން ދެމެޗުގެ 90 މިނެޓްގެ ތެރޭގައި ލަނޑު ޖެހޭނެ ކަމަށް ދުވަހަކުވެސް ހިއެއް ނުކުރަން ކަމަށް ސްޕެއިންގެ މިކޭލް މެރީނޯ ބުނެފިއެވެ.

މެރީނޯ މިހެން ބުނެފައިވަނީ ސްޕެއިން ކުޅުނު ފަހު 16 ޓީމުގެ ބުރާއި ކްއާޓަރ ފައިނަލްގެ މެޗުގައި އެޓީމު މޮޅުކޮށްދިން ލަނޑު ބަދަލު ކުޅުންތެރިއެއްގެގޮތުގައި އަރާ ޖަހައިދިނުމާއި ގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. މެރީނޯ ބުނީ މިއީ އޭނާ ހުވަފެނުގައިވެސް ދުވަހަކު ދެކުނު ކަމެއް ނޫން ކަމަށެވެ. އަދި އިތުރު މެޗެއްގައި 90 މިނެޓްގެ ތެރޭގައި މިހެން ލަނޑު ޖެހޭނެ ކަމަށް ގަބޫލް ނުކުރާކަމަށް ވެސް އޭނާ ބުންޏެވެ. މެރީނޯ ބުނީ ކުޅެން އެރުމަށްފަހު މޮޅަށް ކުޅެ ޓީމަށް އެހީތެރިވެދެވޭނެކަމުގެ އިތުބާރު އޭނާއަށް އަބަދުވެސް އޮންނަ ކަމަށެވެ. އަދި އަނެއްކާވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ ޓީމަށް އެހީތެރިވެދެވުނީތީ ވަރަށް ހިތްހަމަ ޖެހިއްޖެކަމަށެވެ.

ކްއާޓަރ ފައިނަލްގައި ބެލްޖިއަމް އާއި ބައްދަލުކޮށް 2 ލަނޑު އެއް ލަނޑުން މޮޅުވި މެޗަށްފަހު ކުރިއަށް އޮތް ސެމީ ފައިނަލް މެޗާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްޕެއިން ގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނީ ސްޕެއިން އާއި ފަރަންސޭސިވިލާތަކީ މުބާރާތުގެ ކުރިން މިފަހަރު ފައިނަލްގައި ވާދަކުރާނެކަމަށް އެންމެ ގިނަ ބަޔަކު އުންމީދު ކުރި ދެޓީމު ކަމަށެވެ. އޭނާ ބުނީ ފަރަންސޭސި ޓީމަކީ ފާހަގަ ކޮށްލޭވެ ފޯވަޑް ލައިނެއް އޮތް ޓީމެއް ކަމަށާއި އަދި ސްޕެއިން އަކީވެސް ހަމަ އެކަހަލަ ޓީމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ސެމީ ފައިނަލާއި މެދު ދެޤައުމުންވެސް ކުރާ އުންމީދު ބޮޑު ވާނެކަމަށް ޑެ ލަ ފުއެންޓޭ ފާހަގަ ކުރިއެވެ. އަދި މިމެޗުގައި އޭނާގެ ކުޅުންތެރިން ކުރިމަތިލަނީ ކިހާވަރެއްގެ ފޯވަޑް ލައިނެއް އޮތް ޓީމަކާކަން އެނގޭ ކަމަށް އޭނާ ބުންޏެވެ. ހަމައެއާއެކު އެންމެ ފަހުން ފަރަންސޭސީން ވާދަވެރި ދެމެޗެއްގައި ބަލިކުރި ހަމައެކަނި ޓީމަކީވެސް ސްޕެއިންކަން އޭނާ ފާހަގަ ކުރިއެވެ. އަދި އެދެފަހަރަކީވެސް ދެ ސެމީފައިނަލްކަމަށް ޑެލަ ފުއެންޓޭ ބުންޏެވެ. އެހެން ކަމުން މިމެޗު ވެގެންދާނީ ވަރަށް ހުޅުވެފައިވާ ދެޓީމަށްވެސް ފުރުސަތު އޮންނާނެ މެޗަކަށް ކަމަށް ސްޕެއިންގެ ކޯޗު ފާހަގަ ކުރިއެވެ. އަދި މިމެޗަށް ފުރިހަމައަށް ތައްޔާރު ވާން ޖެހޭނެ ކަމަށާއި އެމެމެޗަށް ނިކުންނަން ޖެހޭނީ އެންމެ ވަރުގަދައަށް ތައްޔާރު ވެގެން ކަމަށްވެސް ސްޕެއިންގެ ކޯޗު ބުންޏެވެ.

ސްޕެއިންގެ ކުރިއަށް ކުޅޭ ލެމީން ޔަމާލް ބުނިގޮތުގައި އޭނާވެސް މިހާރު މިހިރީ ސެމީ ފައިނަލްގައި ފަރަންސޭސީން ނާއި ކުޅުމަށް ކެތް މަދުވެފައެވެ. މިމެޗަކީ އެންމެންވެސް ދެކެން ބޭނުންވެފައިވި މެޗެއް ކަމަށާއި މިމުބާރާތް ފެށުނީއްސުރެ އޭނާއަށް މިމެޗަށް އިންތިޒާރު ކުރެވެމުންދިޔަކަމަށް ޔަމާލް ބުންޏެވެ. އަދި އޭނާ ދެކޭގޮތުގައި މިވަގުތު ދުނިޔޭގައި އޮތް އެންެމެ ވަރުގަދަ ދެޓީމަކީ ސްޕެއިން އާއި ފަރަންސޭސި ޓީމެވެ. މިވަގުތު ފަރަންސޭސީންނާއި އިތުބާރާއެކު ކުރިމަތިލާން ކެރޭނެ ހަމައެކަނި ޓީމަކީ ސްޕެއިން ކަމަށް ގަބޫލް ކުރާކަމަށްވެސް ޔަމާލްވަނީ ބުނެފައެވެ. މީގެއިތުރުން އޭނާގެ ކުޅުމާއި ގުޅޭގޮތުން ޔަމާލް ބުނީ އަނިޔާއިން އެނބުރި އައިސް މިހާރު އޭނާގެ ކުރީގެ ކުޅުމަށް އަނބުރާ ދެވެން ގާތްވެފައިވާކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.