ޚަބަރު

މެޗުތަކުން އުނދަގުލުން މޮޅުވުމަކީ އާޖެންޓީނާގެ ޑީއެންއޭގެ ބައެއް: ސްކަލޯނީ


  • މިމެޗު އާޖެންޓީނާ ކާމިޔާބު ކުރީ 3 ލަނޑު އެއް ލަނޑުން

ފީފާ ވޯލްޑް ކަޕްގެ މެޗުތަކުން އުނދަގުލުން މޮޅުވުމަކީ އާޖެންޓީނާ ޓީމުގެ ޑީއެންއޭގައި ހިމެނޭ ކަމެއްކަމުގައި އެޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

ސްކަލޯނީ މިހެން ބުނެފައިވަނީ ކްއާޓަރ ފައިނަލްގައި ސްވިޓްޒަލަންޑާއި ބައްދަލުކޮށް އިތުރު ވަގުތު ކުޅެ ވަރަށް އުނދަގުލުން 3 ލަނޑު އެއް ލަނޑުން އާޖެންޓީނާ މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ނޮކް އައުޓްގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް އާޖެންޓީނާ މޮޅުވެފައިވަނީ ވަރަށް އުނދަގުލުންނެވެ.

ސްކަލޯނީ ބުނީ ސްވިޓްޒަަލަންޑްވަނީ އެޓީމު ވަރަށް އުނދަގޫ ފަށްތަރަކަށް ވައްޓާލާފައިކަމަށާއި އެޓީމަކީ ވަރަށް ފިޒިކަލް އަދި އެހާމެ ވަރުގަދަ ޓީމެއް ކަމަށެވެ. މިގޮތުން އާޖެންޓީނާގެ ކުޅުންތެރިންނަށް ސްވިޓްޒަލަންޑްގެ ކުޅުންތެރިން ކައިރިން ސަލާމަތްވުން ވެގެންދިޔައީ މުޅި މެޗުގައިވެސް ވަރަށް އުނދަގޫ ކަމަކަށްކަމަށް ސްކަލޯނީ ބުންޏެވެ. ނަމަވެސް އާޖެންޓީނާއަކީ އަބަދުވެސް އެއް ގިޔަރު އިތުރަށް ގެންގުޅޭ ޓީމެއް ކަމަށާއި އެގޮތުން އެންމެ ފަހު ވަގުތު މެޗު ކާމިޔާބު ކުރެވުނީ ކަމަށެވެ. ސްކަލޯނީ ބުނީ ޤަތަރުގައި ބޭއްވި ވޯލްޑް ކަޕްގައިވެސް އާޖެންޓީނާ މެޗުތަކުން މޮޅުވެފައިވަނީ އުނދަގުލުން ކަމަށާއި ނަމަވެސް މިއަށް ވުރެ ރަނގަޅަށް އެމުބާރާތުގައި ކުޅެވުންކަމަށް އާޖެންޓީނާގެ ކޯޗު އެއްބަސްވެއެވެ. މިވަގުތު މުހިންމު ކަމަކީ އަނެއްކާވެސް ސެމީ ފައިނަލަށް ދަތުރު ކުރެވުން ކަމަށާއި އަދި އެކަމާއި މުޅި ޓީމުވެސް ފަހުރުވެރިވާކަމަށް ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ ބުނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި ހާއްސަކޮށް މިފަހަރުގެ މުބާރާތުގައި މެޗުތަކުގެ ނަތީޖާ ނުކުމެފައިވާ ގޮތަށް ބަލާއިރު މިކާމިޔާބީ ފާހަގަ ކުރަން ޖެހޭކަމުގައި އޭނާ ބުންޏެވެ. މިޗުގައި ހުރިހާ ކުޅުންތެރިންވެސް ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް މިފަހަރުގެ މުބާރާތުގައި ދެއްކެމުންދާ ކުޅުމަށް ބަލާއިރު އަދި ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭކަމަށް ސްކަލޯނީ ބުނެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މިމެޗުގައި އާޖެންޓީނާއަށް ލީޑު ނަގައިދިން ލަނޑު ޖަހައިދިން ހޫލިއަން އަލްވަރޭޒް ބުނީ މިމެޗުގައި ލަނޑެއް ޖެހުމުން ވަރަށް އުފާވާކަމަށެވެ. އަދި މިފަހަރު ގިނަ މެޗުތައް ފެނިގެންދަނީ ވަރަށް އުނދަގޫ ކޮށް ޓީމުތައް މޮޅުވާތަން ކަމަށާއި އެގޮތުން އާޖެންޓީނާއަށްވެސް މިފެންނަނީ ވަރަށް އުނދަގުލުން ނަތީޖާ ހޯދޭތަންކަމަށް އަލްވަރޭޒް ބުންޏެވެ. ނަމަވެސް މުހިންމު ކަމަކީ އެންމެ ފަހު ވަގުތު އާޖެންޓީނާއަށް ލަނޑު ޖަހާ މެޗުތަކުގައި ކާމިޔާބު ލިބެމުންދާކަމަށާއި އެންމެ މުހިންމީ ކޮންމެ މެޗަކުން މޮޅުވުން ކަމުގައި އޭނާ ފާހަގަ ކުރިއެވެ.