ޚަބަރު

ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ ދެންނެވުމަށް ރައީސް ޤަތަރަށް


  • މިއީ ޝާހީ އާއިލާއަށް އިހުތިރާމް ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް

ޤަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.

މިދަތުރުފުޅަކީ، ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން ، އެޤައުމުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށާއި ޤަތަރުގެ ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ފަރާތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ކުރީގެ އަމީރު ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާއި ގުޅިގެން އެޤައުމުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ މަންދޫބުން ޤަތަރަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.


ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ، އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއްޔެ ތައުޒިޔާވެސް ދަންނަވާފައެވެ. އެގޮތުން ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ އަވާހަރަވުމާއި ގުޅިގެން، އެކަމުގައި ހިތާމައިގެ ބައިވެރިވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ޤަތަރުގެ ކުރީގެ އަމީރަކީ ދުރުވިސްނޭ ޚިކުމަތްތެރި ލީޑަރެއް ކަމަށާއި ޤަތަރުގެ ތަރައްޤީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖުގައި ޤަތަރުގެ މިހާރުގެ އަމީރު ޝެއިޙް ތަމީމް ބިން ޙަމަދު އަލް-ޘާނީގެ ބައްޕާފުޅު އަވާހަރަވުމާއި ގުޅިގެން ޤަތަރު ޝާޚީ ޢާއިލާއަށާއި، ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވިއެވެ. އަދި ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ އަވަހާރަވީ، އުމުރުފުޅުން 74 އަހަރުގައެވެ. މި ހިތާމަވެރި ޚަބަރު އެ ޤައުމުގެ އަމީރުގެ ރަސްމީ އޮފީހުން ކަށަވަރު ކޮށްދީފައިވަނީ، ޖުލައި 12 ވަނަ ދުވަހުއެވެ. އެ މަނިކުފާނު ޤަޠަރުގެ ވެރިކަން ކުރައްވާފައިވަނީ، 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށެވެ.

ޝައިޚް ޙަމަދަކީ، ޤަޠަރުގެ ޒަމާނީ ތަރައްޤީގެ ބާނީގެ ގޮތުގައި ފާހަގަކުރެވޭ އިސްވާރެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ޤަޠަރުގެ އިޤުތިޞާދީ އަދި ސަޤާފީ ދުވެލި ވަރަށް ބާރުވިއެވެ. އެ ޤައުމުގެ އުފެއްދުންތެރިކަން 24 ގުނަ އިތުރުވިއިރު، ހައިޑްރޯކާބަން ނުވަތަ ތެލާއި ގޭހުގެ ސިނާއަތުގެ ވިޔަފާރި އެތައް ގުނައަކަށް ފުޅާވިއެވެ. މިއީ، ޤަޠަރު ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިއެރުވުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށް ގިނަ ފަރާތްތަކުން ޤަބޫލު ކުރެއެވެ.