ޤަޠަރުގެ ކުރީގެ އަމީރު، ޙަމަދު ބިން ޚަލީފާ އަލް ޘާނީ، އަކީ ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. ޚާއްސަކޮށް އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ރާއްޖެއަށް އެކި ރޮނގު ރޮނގުން ގިނަ ގުނަ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާފައިވެއެވެ.
ޚާއްސަކޮށް މީގެ 21ވަނަ އަހަރު، ކުރިން 2005 ވަނަ އަހަރުގެ އޭޕްރީލް މަހުގެތރޭގައި އަމީރުކަމުގެ ދުވަސްވަރު ޙަމަދު ބިން ޚަލީފާ އަލް ޘާނީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ވެގެންދިޔައީ 2 ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. އެ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު ޚާރިޖީ ގުޅުންތަކާއި އިޤްތިޞާދީ ގުޅުން ވަރުގަދަވެގެން ދިޔައެވެ.
2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއިން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެ ދަތުރުފުޅުގެ ތެރެއިން މަޝްވަރާތައް ކުރެވުނެވެ. އަދި ޤަތަރުން ވަނީ މިކަމުން އަރައިގަތުމަށް އެކި ގޮތްގޮތުން އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.
ޙަމަދު ބިން ޚަލީފާ އަލް ޘާނީގެ ވެރިކަމުގައި ރާއްޖެއަށް ވެދެއްވި އެހެނިހެން ކަންކަމަށް ބަލާއިރު ދީނީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިންވެސް އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. އެގޮތުން 1998ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހު ލ.ގަމުގައި ހުޅުވި ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލަކީ ތަޢުލީމީ ދާއިރާއިން ވެދެއްވި އެހާމެ ބޮޑު އެހީތެރިކަމެކެވެ. އަދި ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީ އުފެއްދުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ބޮޑު މިސްކިތް (މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ) ބިނާކުރުމުގައިވެސް އެމަނިކުފާނުގެ ވެރިކަމުގައި އެހީތެރިކަން ވަނީ ލިބިފައެވެ. މި މިސްކިތް ހުޅުވާފައިވަނީ 2006ވަނަ އަހަރުގައެވެ.
ވިޔަފާރިއާއި އެހެނިހެން ދާއިރާތަކަށް ބަލާއިރު، ޙަމަދު ބިން ޚަލީފާ އަލްޘާނީގެ ވެރިކަމުގައި ޤަތަރުގެ މުހިންމު ވިޔަފާރި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކޮށް މިހާރުވެސް އެވިޔަފާރިތައް ރާއްޖޭގައިދަނީ ފުޅާކޮށް ކުރިއަރަމުންނެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ރިސޯޓް ހިންގުމާއި، މުވާސަލާތީ ދާއިރާގައި އުރީދޫ މޯލްޑިވްސްއިން ފޯރުކޮށްދޭ ޚިދުމަތްތައް ފާހަގަކޮށްލެވެއެވެ.
ވަތަނިއްޔާގެ ނަމުގައި މިހާރުގެ ނަމުންނަމަ އުރީދޫ މޯލްޑިވްސްގެ ޚިދުމަތް ރާއްޖޭގައި ފެށީ 2005ވަނަ އަހަރުގެ ތެރޭގައެވެ. އަދި ޤަތަރުއެއަރވޭސް ދަތުރުތައް ރާއްޖެއަށް އިތުރުކޮށް ފުޅާކުރުމުގެ މަސައްކަތްވެސް ވަނީ އެމަނިކުފާނުގެ ދައުރުގެ ތެރޭގައި ކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ޤަޠަރާދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާއި، ޙަމަދު ބިން ޚަލީފާ އާލް ޘާނީ، ޤަޠަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާ ބެހެއްޓެވި ގާތްކަމާއި، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރެއްވުގެ ގޮތުން ޙަމަދު ބިން ޚަލީފާ އާލް ޘާނީ، އިއްޔެ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
އަދި ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގައި އިތާމައިގައި އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވާފައެވެ.