ޤާނޫނުހަދާ ފަރާތްތަކާއި އަންހެނުންގެ ޙައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތައް ހިމެނޭ ކޯކަސް ގުރޫޕުތަކެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ޞިއްޙަތާއި ޢާއިލާއާއި، އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ އަންހެނުންގެ ކުރިއެރުމަށް ބާއްވާ ވަޒީރުންގެ މަޖިލީހުގެ 9 ވަނަ ސެޝަންގެ އާންމު ބަހުސްގައި، ޖެންޑަރ އިކުއަލިޓީ ނުވަތަ މިންތީގެ ހަމަހަމަކަމާއި، އަންހެނުން ބާރުވެރި ކުރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރައްވަމުންނެވެ.
ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވަނީ، މި ކޮންފަރެންސްގެ ޝިއާރު ކަމަށްވާ "އޯއައިސީގެ ޤައުމުތަކުގައި އަންހެނުން އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވުން: ގޮންޖެހުންތަކާއި ކުރިއަށްދާނެ މަގު"އަށް މަރުހަބާ ވިދާޅުވެފައެވެ. މި ޝިއާރަކީ ދިވެހިރާއްޖޭގެ 'ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން 2022-2026' ގެ ދަށުން ކަނޑައަޅާފައިވާ ޤައުމީ އިސްކަންދޭ ކަންތައްތަކާ ވަރަށް ބޮޑަށް ގުޅޭ ޝިއާރެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މި ޕްލޭނަކީ އަންހެނުންގެ ލީޑަރޝިޕާއި، އިޤްތިޞާދީ ބާރުވެރިކަމާއި، މުއައްސަސާތަކުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ނައްތާލުމާއި، އިންސާފަށް ވާސިލުވުމުގެ ފުރުޞަތުތައް އިތުރު ކުރުމަށް އެކުލަވާލާފައިވާ ޤައުމީ އޮނިގަނޑެއްކަމަށް ވިދާޅުވިއެވެ.
ލީޑަރޝިޕާއި، ގަވަރނަންސްގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ އިންތިޚާބީ ކައުންސިލަރުންގެ 37 އިންސައްތައަކީ، އަންހެނުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރެއްވިއެވެ. މިގޮތުން 'ޓޭކިންގ ދަ ލީޑް: ވިމެން އިން ޕޮލިޓިކްސް' އަދި 'ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެން' ފަދަ ހަރަކާތްތަކުގެ ޒަރީއާއިން އަންހެނުން ލީޑަރޝިޕް ދައުރުތަކަށް ތައްޔާރު ކުރަމުންދާކަން ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން، ރަށު ފެންވަރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި، އަތޮޅު، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގެ ސިޔާސަތުތައް ކަނޑައަޅާ މަސްދަރުތަކާ ގުޅުވައިދޭ 'ވިމަން ކޯކަސް' އެއް އުފެއްދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ވަޒީރު ވަނީ އިޢުލާން ކުރައްވާފައެވެ. އަދި 'މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް' މެދުވެރިކޮށް މުޢައްސަސާތަކުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމާއި، ޤައުމީ ރޭވުންތަކާއި ވަސީލަތްތައް ބެހުމުގައި މިންތީގެ ހަމަހަމަކަމަށް ރިއާޔަތްކުރާ ބަޖެޓެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.
ވަޒީރު ގީލާ ވަނީ، އަންހެން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަމާއި ތަމްރީނު ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ހިންގާ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމާއި، އަންހެނުންނަށް ޚާއްސަ ލީސިންގ ފެސިލިޓީގެ މައުލޫމާތުވެސް ހިއްސާ ކުރައްވާފައެވެ. އަދި މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 82 އަންހެން ވިޔަފާރިވެރިއަކަށް 17.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަންހެނުންގެ އިޤްތިސާދީ ހާލަތު ދެނެގަތުމަށް އެކި އަތޮޅުތަކުގެ 275 އަށްވުރެ ގިނަ އަންހެން ވިޔަފާރިވެރިންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި، ގެވެށި އަނިޔާ ނައްތާލުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ކަށަވަރު ކޮށްދެއްވަމުން، ސިއްޙީ ދާއިރާގެ އުޞޫލުތައް އިސްލާޙު ކުރުމާއި، 'އެކު އެކީ'ގެ ނަމުގައި ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމަށް ޒުވާނުންނަށް ހިންގާ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްގެ އިތުރުން ފަނޑިޔާރުންނާއި، ކޭސް ވޯކަރުން ތަމްރީނު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ހައްސާސް މައްސަލަތައް ރިޕޯޓް ކުރުމުގައި ގެންގުޅެންޖެހޭ މީޑިއާ ގައިޑްލައިންތައް އެކުލަވާލާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ ވިދާޅުވީ، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި ވަޞީލަތްތަކާއި، މުޢައްސަސާތަކުގެ ޤާބިލުކަން އިތުރު ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، މި ގޮންޖެހުންތަކުން އަރައިގަތުމަށް އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.