އެމެރިކާއާއި އީރާނާ ދެމެދު އަލުން ބަދަލުކުރަން ފަށާފައިވާ ޙަމަލާތައް ޖެހިޖެހިގެން ތިންވަނަ ދުވަހަށް ދިގުލައިގެން ދިއުމާ ގުޅިގެން، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި އުފުލިފައިވާ އެންމެ މަތީ މިންވަރަށް އުފުލިއްޖެއެވެ. މި ގޮތުން،. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ މައި މިންގަނޑު، ބްރެންޓް ކްރޫޑްގެ ފީފާއެއްގެ އަގު %2 އުފުލި، ސެޕްޓެމްބަރު މަހު ޑެލިވަރީ ކުރުމަށް ދައްކާ އަގު ވަނީ ފީފާއަކަށް 84.91 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. ފެބުރުވަރީ މަހު އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައަށްފަހު، ތެލުގެ އަގު މިހާތަނަށް ވަނީ %17 އުފުލިފައެވެ.
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ޢާންމުންނާއި ވިޔަފާރި އުޅަނދުތަކަށް އީރާނުން ޙަމަލާދެމުންދާ ކަމުގައި ތުހުމަތުކޮށް، އެމެރިކާގެ އަސްކަރިއްޔާއިން އީރާނާ ދެކޮޅަށް އަލުން ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ ޖުލައި 7 ވަނަ ދުވަހުއެވެ. މި ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވަނީ ތެޔޮ އުފުލާ ދެ ބޯޓަކަށް ޙަމަލާދީ، ކުވަޔިތާއި ބަޙްރަޔަންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ބަނދަރުތައް އަލުން ޙިޞާރުކޮށް، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނަގަން ފަށާނެ ކަމުގައި ވިދާޅުވެފައެވެ.
މި ހަމަނުޖެހުންތަކާއެކު ހުރްމުޒް ކަނޑުއޮޅިން ކުރާ ދަތުރުތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ކަނޑު ދަތުރުފަތުރުގެ ތަފާސްހިސާބުތައް ބަލަހައްޓާ މެރިންޓްރެފިކް ކުންފުނިން ބުނީ، ޖުލައި 10 އާއި 12 އާ ދެމެދު އެ ކަނޑުއޮޅި ހުރަސްކޮށްފައި ވަނީ 57 އުޅަނދު ކަމުގައެވެ. މިއީ، އޭގެ ކުރީ ހަފުތާއާ އަޅައިބަލާއިރު %50 ދަށް އަދަދެކެވެ. ތެލުގެ އަގުތައް ދިރާސާކުރާ ކޮމޯޑިޓީ ކޮންޓެކްސްޓް ކުންފުނީގެ ބާނީ ރޯރީ ޖޮންސްޓަން ވިދާޅުވީ، ތެލުގެ ސްޓޮކް ހުސްވަމުންދާތީ ތެލުގެ ބާޒާރު ވަރަށް ނާޒުކު ފައްތަރެއްގައި އޮތް ކަމަށާއި، މާރިޗާއި އެޕްރީލުގައި އޮތް ނުރައްކާތެރި ޙާލަތައް އަލުން ރުޖޫޢަވެފައިވާ ކަމުގައެވެ.
އެމެރިކާގެ ޢުދުވާންތައް އަލުން ފެށުމާއެކު، ކަނޑުއޮޅި ބަންދުކޮށްފައިވާ ކަން އީރާނުން އިޢުލާނުކުރި ނަމަވެސް، ޓްރަމްޕް ވިދާޅުވީ ދަތުރުފަތުރު ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގައެވެ. ތެލުގެ ބާޒާރުގެ ތަފާސްހިސާބުތައް ބަލަހައްޓާ ޓީޑީ ސެކިއުރިޓީސް ކުންފުނީގެ ބާޓް މެލެކް ވިދާޅުވީ، ތެޔޮ ލިބުމުގައި ދަތިކަމެއް އުޅޭކަން ކަށަވަރުވުމާއެކު، ތެލުގެ އަގު 100 ޑޮލަރަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. ދެ ފަރާތުގެ ޙަމަލާތައް ދެމިގެން ދިއުމަކީ ތެލުގެ ބާޒާރަށް އޮތް ބޮޑު ބިރުވެރިކަމެއް ކަމުގައި ވެސް ތަޖުރިބާކާރުން އިންޒާރު ކުރެއެވެ.