އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ މެދުކަނޑާލާފައި އޮތުމަށްފަހު، އެ ހަނގުރާމަ ޖުލައި 7 ވަނަ ދުވަހުން ފެށިގެން އަލުން ފަށާފައިވާކަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްއަށް ރަސްމީކޮށް އަންގަވައިފިއެވެ.
މި އެންގުމާއެކު، ކޮންގްރެސްގެ ވަކި ޚާއްޞަ ހުއްދައެއް ހޯދުމަކާ ނުލައި، އެ ސަރަޙައްދުގައި އަސްކަރީ ބާރު ބޭނުންކުރުމަށް ރައީސަށް އިތުރު 60 ދުވަހުގެ މުޙުލަތެއް ލިބިގެންދާނެ ކަމަށް ވައިޓް ހައުސްއިން ބުނެއެވެ.
މި ސިޓީގައި މި ހަނގުރާމައަކީ އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަމާއި، ޤައުމީ ސަލާމަތާއި، ޚާރިޖީ ސިޔާސަތުގެ މަސްލަޙަތު ހިމާޔަތްކުރުމަށްޓަކައި ރައީސަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ކުރާ ކަމެއް ކަމަށް ޓްރަމްޕް ކޮންގްރެސްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާކަމަށް ރޮއިޓަރސް ނޫހުން ބުންޏެވެ.
ޓްރަމްޕްގެ ސިޓީގައިވާ ގޮތުން، މިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އަންގަވައި، މައްސަލައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
އެމެރިކާއިން ޔަހޫދީންނާ ގުޅިގެން އީރާނަށް އަމާޒުކޮށް ޙަމަލާދޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
ޖޫން 17ގައި އީރާނާއެކު ވެވުނު ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމާ އީރާނުން ޚިލާފުވެފައިވާ ކަމަށް ޓްރަމްޕް ތުހުމަތުކުރެއްވިއެވެ. މިގޮތުން، އީރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ޙަމަލާދީފައިވާތީ، އީރާނާ ދެކޮޅަށް އަލުން އަސްކަރީ ޙަރަކާތްތައް ފެށުމަށް އެންގެވީކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
މެދުއިރުމަތީގައި އަނެއްކާވެސް ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާއިން ގަލްފު ސަރަޙައްދުގައި އީރާނުގެ ބޯޓުފަހަރު ހުއްޓުވުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށާއި، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރާނެ ކަމަށް ޓްރަމްޕް އިއްޔެ ވިދާޅުވިއެވެ.
އެމެރިކާގެ ކަމާގުޅޭ ޤާނޫނުގެ ދަށުން، ބޭރުގެ ޤައުމަކާ އެކު ހަނގުރާމަ އިޢުލާނުކުރުމުގެ ބާރު އޮންނަނީ ކޮންގްރެސްއަށެވެ. އަދި ކޮންގްރެސްގެ ޙުއްދަ ނެތި ބޭރު ޤައުމަކާ ދެކޮޅަށް ފަށާ ހަނގުރާމައެއް، ގިނަވަގެން 60 ދުވަހުގެ ތެރޭގައި ހުއްޓައިލަންޖެހެއެވެ. އެ މުއްދަތު މިދިޔަ މެއި މަހުގެ 1ވަނަ ދުވަހު ހަމަވެފައިވީ ނަމަވެސް، ޓްރަމްޕް ޤަބޫލުކުރައްވާ ގޮތުގައި، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމާއެކު ޤާނޫނުގައި އެ ބުނާ މުއްދަތަށް ޢަމަލުކުރެވުނީއެވެ.
ނަމަވެސް، އެއީ ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް ޤާނޫނު މާނަކުރުން ކަމުގައި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އީރާނާއެކު ކުރާ ހަނގުރާމަ ހުއްޓާލައި، އެމެރިކާގެ ސިފައިން އަނބުރާ ގެނައުމަށް ގޮވާލައި، މިދިޔަ މަހު ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ވަނީ ޤަރާރެއް ވެސް ފާސްކޮށްފައެވެ.
ނަމަވެސް، އެ ޤަރާރަށް ތާޢީދުކުރި މެމްބަރުން މަސައްކަތް ކުރައްވަނީ އީރާނަށް ލުއިތަކެއްދީ، އެމެރިކާގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުމަށާއި މި ޤަރާރުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.