ޚަބަރު

ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުގެ ބާރު ކަނޑުވާލުމުގެ މަސައްކަތް އެމެރިކާއިން ފަށައިފި


ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ) އަކީ އެމެރިކާގެ އިސްތިޤުލާލާއި ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، އެ ކޯޓުގެ ބާރު ކަނޑުވައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރޮއިޓަރސް ނޫހުން ރިޕޯޓްކޮށްފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލަކާ ޙަވާލާދީ މި ޚަބަރު ގެނެސްދީފައިވާއިރު، މިއީ އެ ކޯޓާ ދެކޮޅަށް އެމެރިކާއިން ކުރިމަތިކުރާ އެންމެ ވަރުގަދަ އެއް ގޮންޖެހުމުގެ ގޮތުގައި އެ ނޫހުން ސިފަކޮށްފައިވެއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ނަސްލުހޭދަ ކުރުމުގެ ޖަރީމާތަކާ ގުޅިގެން ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް އައިސީސީން އަމުރު ނެރުމާ ގުޅިގެން 2024ވަނަ އަހަރު ވެރިކަމުގެ ދެވަނަ ދައުރަކަށް ވަޑައިގެންނެވި ޓްރަމްޕް ވަނީ އެ ކޯޓާ ދެކޮޅަށް މަސައްކަތް ފައްޓަވައިފައެވެ.

އައިސީސީގެ ބާރު ކަނޑުވައިލުމަށްޓަކައި އެމެރިކާއިން ރާވާފައިވާ މައިގަނޑު ފިޔަވަޅުތަކުގެ ތެރޭގައި، އައިސީސީގެ އޮފިޝަލުން އެމެރިކާއަށް ވަނުން މަނާކޮށް، އެ ފަރާތްތަކުގެ ވިސާ ބާތިލްކުރުމާއި، އައިސީސީއަށާއި އެ ކޯޓާ ގުޅުންހުރި ޖަމްޢިއްޔާތަކަށް އަމާޒުކޮށް މާލީ އަދި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި، އައިސީސީގެ މެމްބަރުކަމުން ވަކިވުމަށް އެހެން ޤައުމުތަކަށް ބާރުއަޅައި، އެ ކޯޓު ބައިނަލްއަޤުވާމީ މައިދާނުގައި އެކަހެރިކުރުން ހިމެނޭކަމަށް އެ ނޫހުން ބުނެފައިވެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު، މާކޯ ރޫބިއޯ ހިމެނޭހެން މަތީ ފަންތީގެ އޮފިޝަލުން ގެންދަވަނީ އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް އައިސީސީއަށް ފިޔަވަޅު ނޭޅޭނެކަން ކަށަވަރުކުރުމަށް އެކި ޤައުމުތަކަށް ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ.

އެމެރިކާގެ ސަރުކާރުގެ އިސްވެރިން އަބަދުވެސް ވަކާލާތު ކުރައްވާ ގޮތުގައި، އެމެރިކާގެ ރައްޔިތުންނާއި އަސްކަރިއްޔާގެ އިސް އޮފިޝަލުންގެ މައްސަލަތައް ތަޙުޤީޤު ކުރުމުގެ ބާރު އައިސީސީއަށް ލިބިގެން ނުވެއެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ކަމަށް ބުނާ ޖަރީމާތައް ތަޙުޤީޤުކުރަން އައިސީސީން މަސައްކަތް ކުރުމުންވެސް ވަނީ މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް ފަހުން އެ ކޯޓުން ވަނީ އެ ތަޙުޤީޤުގެ މިސްރާބު ބަދަލުކޮށްފައެވެ.

އެމެރިކާގެ އަސްކަރީ އެހީތެރިކަމާއި ރައްކާތެރިކަން ހޯދާ ޤައުމުތަކުން އައިސީސީގެ މި ނިންމުންތަކާ ދެކޮޅަށް ތެދުވަން ޖެހޭނެ ކަމަށް ބުނެ އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ އިންޒާރު ދީފައެވެ. އެމެރިކާއިން ބުނާ ގޮތުގައި އެ ޤައުމުގެ އެހީ ހޯދަމުން، އައިސީސީއަށް ތާޢީދުކުރާ ޤައުމުތަކާ މެދު އޮންނަ ގުޅުން އަލުން މުރާޖަޢާ ކުރެވޭނެއެވެ.

2002ވަނަ އަހަރު އުފެދުނު އައިސީސީއަށް، މެމްބަރު ޤައުމަކަށް އަމިއްލައަށް ހަނގުރާމައިގެ ތެރެއިން ހިންގާ ޖަރީމާތައް ފަދަ ބޮޑެތި ޖިނާޢީ މައްސަލަތައް ބެލުމަށް ނުކުޅެދޭ، ނުވަތަ ބޭނުންނުވާ ޙާލަތްތަކުގައި މައްސަލަ ބެލުމުގެ އިހްތިޞާސް ލިބިގެންވެއެވެ.

ނަމަވެސް، ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ހައްޔަރުކުރުމަށް އައިސީސީގެ 124 މެމްބަރު ޤައުމަށް ލާޒިމްކޮށްފައިވާ ޢަމުރަކީ، އެމެރިކާއިން ކޮންމެ ގޮތަކުންވެސް ބާތިލްކުރަން ބޭނުންވާ ޢަމުރެކެވެ.