އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން އޭނާގެ ސަރުކާރުން ހުށަހެޅި 1.15 ޓްރިލިޔަން އެމެރިކާ ޑޮލަރުގެ ދިފާޢީ ބިލު ބަލައިނުގަތުމަށް ޤާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނެޓުން ފާސްކޮށްފިއެވެ. ބިލާ ދެކޮޅު ހަދާފައިވާ ވަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީންނެވެ. އެ ޕާޓީގެ މެންބަރުން ވިދާޅުވީ، އީރާނާ ދެކޮޅަށް ހަނގުރާމަ ފެށްޓެވުމުގެ ކުރިން ޓްރަމްޕް ކޮންގްރެސްގެ މަޝްވަރާ ހޯއްދަވާފައި ނެތުމަކީ، ބިލާ ދެކޮޅު ހެދުމުގެ މައިގަނޑު ސަބަބު ކަމުގައެވެ.
ސެނެޓުން ބިލު ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ނެގި ވޯޓު ނާކާމިޔާބުވީ، އެ ކަމަށް ބޭނުންވާ 60 މެންބަރުންގެ ތާއީދު ނުލިބުމުންނެވެ. ވޯޓުގައި ބައިވެރިވި 100 މެންބަރުންގެ ތެރެއިން 50 މެންބަރުން ބިލަށް ތާއީދުކުރެއްވިއެވެ. ދެކޮޅަށް ވޯޓު ދެއްވީ 46 މެންބަރުންނެވެ. ސެނެޓުގެ މެޖޯރިޓީ ލީޑަރު އަދި ރިޕަބްލިކަން ޕާޓީގެ މެންބަރު ޖޯން ތޫން ވެސް ވޯޓު ދެއްވާފައި ވަނީ ބިލު ބަލައިނުގަތުމަށެވެ. ސަބަބަކީ، ޤަވާޢިދުގެ ތެރެއިން މައްސަލަ އަލުން ހުށަހެޅުމަށް ފުރުޞަތު ދެއްވުމެވެ.
އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ޢުދުވާންތައް އަލުން ފުޅާކޮށް، އަލުން އީރާނުގެ ބަނދަރުތައް ޙިޞާރުކުރުމަކީ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ކަންބޮޑުވުމެވެ. އެމެރިކާގެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އިޖުތިމާޢީ އެހީގެ ބަޖެޓު ކުޑަކުރުމަށް ފަހު، އަސްކަރީ ޚަރަދުތައް 1.5 ޓްރިލިޔަން ޑޮލަރަށް އިތުރުކުރުމަށް ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަމުންދާތީ، އިދިކޮޅު މެންބަރުން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ބަޖެޓު މުރާޖާކުރުމުގެ ދަށުން ހަނގުރާމައިގެ ޚަރަދުތައް ފޫބެއްދުމަށް އިތުރު 350 ބިލިޔަން ޑޮލަރު ހޯދުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ މެދު ވެސް ޑިމޮކްރެޓިކް ޕާޓީން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ދިފާޢީ ޚަރަދުތަކުގެ ބިލު، ނުވަތަ ނޭޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓަކީ (އެންޑީއޭއޭ) ދެ ޕާޓީގެ ރުހުމާއެކު ކޮންމެ އަހަރު ވެސް ފާސްކުރަމުން ގޮސްފައިވާ ބިލެކެވެ. މި ބިލަށް ޑިމޮކްރެޓިކް ޕާޓީން ހުރަސްއަޅަމުންދިޔަ ނަމަވެސް، ބިލު ފާސްކުރުމުގެ ފުރުޞަތު ރިޕަބްލިކަން ޕާޓީއަށް އަދިވެސް އޮތް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެެއީ، ސެނެޓުގެ އިތުރުން ކޮންގްރެސްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ވަކިވަކިން އެންޑީއޭއޭ ބިލު ފާސްކޮށް، އަސްކަރީ ޚިދުމަތާ ބެހޭ ކޮމިޓީއަށް ހުށަހަޅައިގެން ދެ ޕާޓީގެ މެދުގައި އެއްބަސްވުމަކަށް އައުމެވެ. ޓްރަމްޕްގެ ސަރުކާރުން އެ މަގު އިޚުތިޔާރު ކުރުމުގެ ފުރުޞަތު ބޮޑު ކަމުގައި ވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.