އާޖެންޓީނާގެ މައްޗަށް ލީޑް ލިބުމުން ބެލީ އެ ލީޑް ހިފަހައްޓަން ކަމަށާއި ނަމަވެސް އެކަން ކުރެވޭވަރަށް ވުރެ ދިފާއީ އާޖެންޓީނާ މާމޮޅު ކަމަށް އިނގިރޭސި ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ބަލިވުމަށް ފަހު ވާހަކަ ދައްކަމުން ކޭން ބުނީ 55 ވަނަ މިނިޓްގައި އެންތަނީ ގޯޑަން ޖެހި ގޯލުން ލިބުނު ލީޑް ހިފެހެއްޓޭތޯ އިނގިރޭސި ހުރިހާ ކުޅުންތެރިން ކުރެވުނު ހުރިހާ ކަމެއް ކުރި ކަމަށެވެ.
"އެކަމަކު އެވަރަކުން ނުވި. މި ލެވެލްގައި އަހަރުމެންނަށް އެކަން ކުރެވޭވަރުނުވީ. މެޗުގެ ބޮޑުބައިގައި އަހަރުމެން ވަރަށް ރަނގަޅަށް ކުޅުނު. 1-0ވީމާ އަހަރުމެން ބެލީ އެ ލީޑް ހިފެހެއްޓޭތޯ. އެކަމަކު އަހަރުމެންގެ އެ ފަންވަރު ނެތް،" ކޭން ބުންޏެވެ.
2018 ވަނަ އަހަރުގެ ވެސް ސެމީ ފައިނަލް ކުޅުނު ޓީމުގެ ކެޕްޓަން ބުނީ މެޗު ނިމެން އަށް މިނިޓަށްވީ ފަހުން އެންޒޯ ފެނާންޑޭޒް ޖެހި ގޯލުން ނަތީޖާ ހަމަހަމަވުމުން އާޖެންޓީނާއިން އެޓޭކް ވަރުގަދަ ކުރިއިރު ވަކިވަކި ކުޅުންތެރިންގެ ގޮތުން އިނގިރޭސިން ފެނުނީ ބަލިކޮށް ކަމަށެވެ.
"ވަކިވަކި ކުޅުންތެރިން އަޅާ ބަލާއިރު އަހަރުމެންނަށްވުރެ އެ މީހުން މާމޮޅުކޮށް ފެނުނީ. ދެން ފެނުނީ ފުލުފުލުގައި އެ މީހުން ހަމަލާދޭން ފެށިތަން. އަހަރެން ބުނާނީ ކުޅުންތެރިން ހުރިހާ މަސައްކަތެއް ކުރިއޭ މޮޅުވާން. އެކަމަކު މި ލެވެލްގައި އަހަރުމެން ކުރި މަސައްކަތް އަދި ފުރިހަމައެއްނޫން. އެ މީހުން ދެ ވަނަ ގޯލު ޖެހުމުން އަހަރުމެން ގޯލެއް ޖެހޭތޯ ވެސް ބެލިން. އެކަމަކު އަލުން އެޓޭކިން ރިދަން ނުގެވުނު،" ކޭން ބުންޏެވެ.
އޭނާ އަދި ބުނީ މިފަހަރު ފައިނަލަށް ނުގޮސް އިނގިރޭސިން ކެޓީ ވަރަށް ގިނަ ރަނގަޅު ކަންކަން ކުރުމަށްފަހު ލިބުނު ފުރުސަތުތައް ނިންމާނުލެވިގެން ކަމަށެވެ.
މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި މި މަހުގެ 19 ވަނަ ދުވަހު އިނގިރޭސިން ބައްދަލު ކުރާނީ ސެމީގެ ފުރަތަމަ މެޗުން ބަލިވި ފްރާންސާ އެވެ.