ޚަބަރު

ރޯވި ބޯޓުގެ ތެރެއިން އިންސާނެއްގެ ކަށިތައް ފެނިއްޖެ


ތިލަފުށީ ކައިރީގައި އޮތް ބަރޯސާ ނަމަކަށް ކިޔާ މަސްބޯޓެއްގައި މިދިޔަ ބުދަދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ބޯޓްތެރޭގައި އަނދާފައި އޮތް މީހަކު ފެނިގެން އޭނާގެ ކަށިތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. 

ޕީ.އެސް.އެމަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަރޯސާ ބޯޓުގެ ތެރެއިން އަނދާފައިއޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 9:30 އަހާކަންހާއިރުކަމަށެވެ. އެމައުލޫމާތާ ގުޅިގެން ބަރޯސާ ބޯޓަށްގޮސް ބެލިބެލުމުން އަނދާފައިވާ މީހެއްގެ ކަށިތައް ފެނިގެން އޭނާގެ ކަށިތައް މާލޭ މޯޗަރީއަށް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. އަނދާފައިވަނީ ކޮން ގަޢުމެއްގެ، ކާކުކަމެއް ފުލުހުން އަދި ހާމަކޮށްފައެނުވެއެވެ. 

ބަރޯސާ ބޯޓުގައި އަލިފާން ހިފާފައިވަނީ މިދިޔަ ބުދަދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. މިހާދިސާ ހިނގުމާއެކު އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުއިން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ. އަދި އަލިފާން ނިއްވި އިރުވެސް އަދި އޭގެފަހުންވެސް ބޯޓުގައި މީހަކު ހުރި ކަމުގެ މައުލޫމާތު އެމް.އެން.ޑީ.އެފަށް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.