މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބޭނެ ފައިސާގެ ޢަދަދު އިތުރުވާނެކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އަންދާޒާކޮށްފިއެވެ.
މިދިޔަ އަހަރަކީ، ތާރީޚުގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބުނު އަހަރެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 107 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް އައްޝައިޚު އިމްތިތާޢު ޢައްބާސް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ޒަކާތުގެ ގޮތުގައި ލިބެމުންދާވަރު އިތުރުވެފައިވާ ކަމަށެވެ. އަދި މިގޮތަށް ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިތުރުވަމުންދާނަމަ މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރު ޒަކާތުގެ ގޮތުގައި ލިބޭނެ ފައިސާގެ ޢަދަދު އިތުރުވާނެކަމަށް އަންދާޒާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
އިމްތިތާޢު ވިދާޅުވީ، މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 80 މިލިޔަން ރުފިޔާއާ ގާތްކުރާ ޢަދަދަކަށް ފައިސާ ލިބުނު ކަމަށެވެ. އަދި އެއީ މިދިޔައި އަހަރުގެ ޖޫންމަހާ އަޅާބަލާއިރު %100 އިތުރުވުމެއްކަން ފާހަގަކުރެއްވިއެވެ.
"ޒަކާތު ޤާނޫނާއެކު ޒަކާތު ހައުސްގެ އެކި ކަންކަން ހަރުދަނާވުމުގެ ސަބަބުން މިކަމަށް އިތުބާރު އުފެދި ހޭލުންތެރިކަން އިތުރުވަމުން ދަނީ. ކުރިން އެހާ ހޭލުންތެރިކަން ނެތުމުން ޒަކާތް ދައްކާ މީހުންނާއި ލިބޭ ވަރު މަދުވަނީ. މިހާރު ހޭލުންތެރިކަން އިތުރުވޭ." ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް އައްޝައިޚު އިމްތިތާޢު ޢައްބާސް ވިދާޅުވިއެވެ.
މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ، މީރާގެ މިދިޔަ ޖޫން މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން އެމަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 21.2 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއަދަދަކީ، މިދިޔަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 10.6 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު، %100 އިތުރު އަދަދެކެވެ.
މުދަލު ޒަކާތަކީ، އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލު ޒަކާތް ދެއްކޭނެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ވަނީ، 79.6 މިލިޔަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ، 61.5 މިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ، %29 އިތުރު އަދަދެކެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިހާރު މުދަލު ޒަކާތުގެ ނިޞާބަކީ، ރިހީގެ ގުރާމަކަށް 36.70 ރޭޓުން 595 ގުރާމަށްވާ 21،836.50 ރުފިޔާއެވެ.
ރާއްޖޭގައި ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ޒަކާތުގެ ފުރަތަމަ ޤާނޫނެއް އެކުލަވާލާ އެއަށް އަންނަނީ، ޢަމަލު ކުރަމުންނެވެ. ޒަކާތުގެ ޤާާނޫނަކީ، އިސްލާމްދީނުގައި ޒަކާތް ޝަރުޢު ކޮށްފައިވާ މަޤުޞަދުތައް ޙާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަޤުސަދުގައި އެކުލަވާލާފައިވާ ޤާނޫނެކެވެ. އަދި ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށް ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި، ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެއްގެ މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މަޤުޞަދެކެވެ.